ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަންކުރުމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ފައިސަލް އައްޔަންކުރަން ނިންމާފައި ވަނީ ޖޭއެސްސީގެ މިއަހަރުގެ 15 ވަނަ ޖަލްސާގަ އެވެ.

ފަނޑިޔާރު ފައިސަލް މި މަގާމަށް އައްޔަންކުރުމަށް ނިންމާފައިވަނީ، ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމާ ގުޅިގެން، ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްވުމުންނެވެ. ފަނޑިޔާރު ފައިސަލް ވަނީ މި މަގާމު ވަގުތީގޮތުން ފުރުއްވާފަ އެވެ.

ޝަރީއަތާއި ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ފަނޑިޔާރު ފައިސަލްއަކީ 2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބާގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

ފަނޑިޔާރު ފައިސަލް ވަނީ 2014 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން އަދާކުރައްވާފަ އެވެ. އަދި އެ އަހަރުގެ ޖުލައި މަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމާ ހަމައަށް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެ އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އޭނާ އައްޔަން ކުރެއްވީ ޖުލައި 24، 2018 ގަ އެވެ.

މީގެ އިތުރުން މި އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން، ހައިކޯޓުގެ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ ވެސް ފައިސަލްއާ އެވެ.

ރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ގާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭކޯޓެވެ. ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައް ވެސް ބަލާނީ ހައިކޯޓުންނެވެ.

ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެން ވަނީ އިސް ފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުގައި ތިއްބަވާ މެންބަރުންނަކީ މުހައްމަދު ނިޔާޒު، ހުސައިން މަޒީދު، ހަސަން ޝަފީއު، ފާތިމަތު ފަރްހީޒާ، ހުޒައިފާ މުހައްމަދު، ދީބަނާޒް ފަހުމީ، މުހައްމަދު ސަލީމް، މުހައްމަދު ޝަނީޒް އަބްދުﷲ އަދި އަބްދުލްމާނިއު ހުސައިން އެވެ.