ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަަޑުއެހުމެއް މި މަހުގެ 28އަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލުކުރީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެފަހަރު އެ މައްސަލަ ތާވަލުކުރީ ވެސް އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022، ގައި އިއްވި އެވެ.

ނަމަވެސް އާރަށް މައްސަލައިގައި ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ. ހައި ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގެ ބައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެސް ވެ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޮގަސްޓް 2023ގަ އެވެ. އޭގެ ފަހުން އޮގަސްޓް 2024ގައި ވެސް އަޑުއެހުމެއް ތާވަލުކުރުމަށް ފަހު، ތާވަލުން އެ އަޑުއެހުން ނެގި އެވެ.

ފުލުފުލުގައި ޖެހިޖެހިގެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށް ފަހު މައްސަލަ ކޯޓުގައި މަޑުޖެހުނީ، ކޯޓުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނާ ގޮތުގައި، ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިއެއްގެ ހެކިބަސް ނެގުމުގައި ދަތިތަކެއް ދިމާވުމުންނެވެ. އެގޮތުން ދައުލަތުގެ ފަރާތުން ހެކިބަސް ނުނެގި އޮތް ހެކިވެރިޔަކީ އެ މައްސަލާގައި ހުށަހަޅާފައިވާ އެންމެ ފަހުގެ ހެކިވެރިޔާ، ސަން ކޮންސްޓްރަކްޝަނުގެ ފައިނޭންސް ޑިރެކްޓަރު ސްރިތަ ކުމާރު ތިއަގަ ރާޖާ އެވެ. އަދި އެންމެ ފަހުން މިދިޔަ އަހަރު ތާވަލުކުރި އަޑުއެހުމުގައި އެ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ހަމަޖެއްސީ ކޯޓަށް ހާޒިރުކޮށްގެން؛ ނަމަވެސް އޭރު އޭނާ ރާއްޖޭން ބޭރުގައި ހުރުމުން ދައުލަތުން އެދިގެން އެ ފަހަރު ކޯޓުން އަޑުއެހުން ކެންސަލްކުރި އެވެ.

މީގެ ކުރިން އެ ހެކިވެރިޔާގެ އަޑުއެހުން އޮންލައިންކޮށް ނަގަން މަސައްކަތްކުރި ނަމަވެސް އަޑު ސާފުނުވާތީ، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ހެކިވެރިޔާގެ ހެކިބަސް އޮންލައިންކޮށް ނެގުން ރައްކާތެރި ނޫން ކަމަށެވެ.