މަތިންދާ ބޯޓްގެ ބުރަފަތީގައި ޖެހި އަނިޔާވި ދިވެހި ދަރިވަރު އާންމު ހާލަތަކަށް ބަދަލުވަންދެން ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފިލިޕީންގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީން ބުނެފި އެވެ.

އެ އެކެޑަމީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެ އެކަޑެމީން ބުނީ އެ މައްސަލަ ފިލިޕީންސްގެ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ތަހުގީގުކުރަމުން އަންނާތީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ތިން ދުވަހަށް ފްލައިޓް އޮޕަރޭޝަން މެދުކަނޑާލި ކަމަށެވެ.

އަނިޔާ ލިބުނު ދިވެހި ދަރިވަރު އާންމު ހާލަތަކަށް އަންނަންދެން ފުރިހަމަ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ އެކަޑެމީން ދިނެވެ.

ފާއިތުވި މާޒީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އެ އެކަޑެމީން ތަމްރީނުވެފައިވާއިރު، އެ މީހުން މިއަދު ބައިނަލްއަގުވާމީ ދަތުރުތަކުގައި ޕައިލެޓްކަން ކުރަމުން ދިޔުމަކީ އުފާކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ އެކަޑެމީގެ އެންމެ އިސް ވާޖިބަކީ ތަމްރީނުގެ ފެންވަރާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެ ދަރިވަރުގެ އާއިލާއަށް ގުޅައި ހާލު ބަލާފައިވާނެ ކަމަށެވެ. އަދި އެ ދަރިވަރުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.