އިތުރު ތަޢާރަފަކަށް ބޭނުންނުވާ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކެއްކުމުގެ ދާއިރާއިން ގިނަ އެވޯޑުތަކެއް ލިބިފައިވާ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ (ޖުވޭ) މިއަދު ތައްޔާރުކޮށްދޭން އުޅުއްވަނީ ކޮންމެވެސް މީރު ކާއެއްޗެކޭ ބުނެފިނަމަ އެކަމަކާ މީހަކު ސުވާލެއް ނުކުރާނެ އެވެ.
ކެއްކުމުގެ ރޮނގުން މިހާތަނަށް 175 ފޮތްބައި ނެރެ 10،000 އަށްވުރެ ގިނަ ރެސިޕީތައް ލިޔެ އާންމުންނާ ހަމައަށް ގެނެސްދީފައިވާ ޖުވޭގެ ޕޭޖްތަކަށް ކޮންމެ ދުވަހަކު އާ ރެސިޕީއެއް ލަމުންގެންދެ އެވެ. ޖުވޭ ކްރޯޝޭ (ކަށިން ވިޔުމުގެ މަސައްކަތް) ދަސްކޮށްދޭން އުޅޭ ވާހަކަ ބުނެފިނަމަ އެކަމަކީ ގިނަބަޔަކަށް ގަބޫލުކުރަން ދަތިކަމަކަށް ވެދާނެ އެވެ.
ގިނަ މީހުނަށް ނޭނގިއޮތް ނަމަވެސް ކެއްކުމާއެކުއެކީ ޖުވޭއަކީ ހޭންޑިކްރާފްޓްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކްރޯޝޭ ވިޔުމުގެ މަސައްކަތް ވެސް އަބަދުވެސް ކުރައްވަމުން ގެންދާ ކުޅަދާނަ މީހެކެވެ. މިފަހަރު މިގެނެސްދެނީ ޖުވޭގެ އަތްތެރި މަސައްކަތުގެ ވާހަކަ އެވެ.
ޖުވޭ އަބަދުވެސް ކުދި ކަވި މަސައްކަތަށް ޝައުގުވެރިވެ އެވެ. ހޭންޑިކްރާފްޓް ނުވަތަ އަތްތެރި މަސައްކަތުގެ ތެރެއަށް ވަދެވުނު ވަކި ހިސާބެއް ބުނަން ނޭނގުނު ނަމަވެސް ކުޑައިރު އަޕްޑައުން (ބިއްލޫރި ނުވަތަ ހިލަކޮޅު އެއްލައިގެން ކުޅޭ ކުޑަކުދިންގެ ކުޅިވަރެއް) ކުޅުމައްޓަކައި ފުޅިތޮށި އެއްކޮށްގެން ފުޅިފުޅިއަށް އަޅައި ކުލަޖައްސައި ހަދާކަން އޭނާ ހަނދާންވެ އެވެ.
ފުޅިތޮށީގެ އިތުރުން ފައިވާނުގެ ވަދު ބުރިކޮށްގެން ބޮލުގައި އައްސާއެއްޗެހި އޭނާ ތައްޔާރުކުރި އެވެ. އަދި ބާ އިސްޓާކީނު ބޭނުންކޮށްގެން އުނދޯލީގެ ވަލުގައި ހަރުކޮށްގެން ތަފާތު އުފެއްދުންތައް ވަރަށް ކުޑައިރު އުފައްދާ ހަނދާން މިއަދު ވެސް ވެ އެވެ.
ޖުވޭއަށް ކްރޯޝޭ ވިއުމުގެ ތެރެއަށް ވަދެވުނީ ސްކޫލުގައި އުޅުނު ދުވަސްވަރު އެވެ. އޭނާގެ ކޮއްކޮމެން ވިއާތަން ފެނި، އެ މަސައްކަތައް ޝައުގުވެރިކަން އުފެދިގެންނެވެ. އޭގެ ކުރިން ސްކޫލުގައި އުޅުނުއިރު ތިނޯހުން މަޖާހަން ވެސް އޭނާ ވަނީ ދަސްކޮށްފަ އެވެ. މީހުން ރީތިކޮށް މާޖަހާ ތަން ފެނުމުން އެކަމަށް ވެސް އޭނާ ވަރަސް ގަޔާވެވިފައިވެ އެވެ. ނަމަވެސް އަބަދުވެސް އެންމެ އިސްކަމެއް ދެވިފައިވާ މަސައްކަތަކީ ކެއްކުން ނަގާފައި ވިއުމުގެ މަސައްކަތާއި ތަފާތު މެޓީރިއަލްސް ބޭނުންކޮށްގެން މާހެދުމުގެ މަސައްކަތެވެ.
"ކަރުދާސް މާ، ފޮތިމާ، ސްޓޮކިންއިން މާހެދުން، ވޫލުން މާހަދަން ދަސްކުރިން. އަދި ފޮތީގައި ތާންޖަހައިގެން މާހެދުމާއި، ވޫލް ބޭނުންކޮށްގެން ވެސް މާހެދަން އަޅުގަނޑު ދަސްކުރިން. ފަހާ ފެކްޓްރީގެ ދުވަސްވަރު އެމީހުން ދޭ ކަޓް ޕީސް( ބާކީ ފޮތިކޮޅުތައް) ބޭނުންކޮށްގެން ފެކްޓަރީ މީހުން މާހަދާ ގޮތް ދަސްކޮށްގެން ފުޅިބައްތިއަކުން ކޮޅުއަންދައި ލަންބައިގެން މާހަދަނީ ނަރުގައި،" ޖުވޭ ކިޔައިދިނެވެ.
ހުނަރު ދިރުވުމަކީ ޖުއޭއަށް ލިބޭ އުފަލެއް
ފޮތިންނާއި ސްޓޮކިންސް ބޭނުންކޮށްގެން މާހަދަމުން ގޮސް ޖުވޭއަށް ވިއުމުގެ މަސައްކަތައް ވަދެވުނެވެ. އޭރު އޭނާއަކީ މޮޅު ޝެފެއް ވެސް މެ އެވެ. ކުދި ހޭންޑިކްރާފްޓް މަސައްކަތުން ބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް، ޖުވޭ އެ މަސައްކަތައް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން އެ މަސައްކަތް ދަސްކުރަން ބޭނުންވާ މީހުންނަށް އުނގަންނައި ދިނުމަށް އިސްކަމެއް ދިނެވެ. އަދި ހޭންޑިކްރާފްޓް މައުރަޒުތަކުގައި އޭނާގެ އުފެއްދުންތައް ވެސް ބައިވެރިކުރަން ވެސް ފެށި އެވެ. އެގޮތަށް ބައިވެރިކުރި މަސައްކަތަކަށް ލިބުނު ފުރަތަމަ ކާމިޔާބީއަކީ 1997 ގައި 3ވަނަ ލިބުނު ކިނާރީ ރޭނދާ ފަދަ ތަކެތި ބޭނުންކޮށްގެން ބައިވެރި ކުރި މަސައްކަތެކެވެ.
ކެއްކުމުގެ ދާއިރާއިން ވަރަށް ބާރަށް ކުރިއަރަމުން ދިއުމާ ގުޅިގެން އެ މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން ހޭންޑިކްރާފްޓްގެ މަސައްކަތަށް ދޭންޖެހޭ ވަރަށް ވަގުތު ނުދެވޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ. ނަމަވެސް އެ މަސައްކަތުން ލިބިފައިވާ އިލްމު ހިލޭ ސާބަހަށް ފެތުރުމަކީ ކުރަމުން ގެންދިޔަ އަދި މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތެކެވެ. އެކަމަށް މަގުފަހިކުރުމަށް އޭނާ ވަނީ 37 ވައްތަރުގެ މަސައްކަތް ހިމެނޭ ގިނަ ވީޑިއޯތަކާއި އެކަމާ ބެހޭ ފޮތެއް ވެސް ލިޔެފަ އެވެ.
ކުދިން ޓީވީތަކާއި، ސޯޝަލްމީޑިއާ އާއި ދުރުކުރުމަށް މެޝަނަރީސް ބޭނުންނުކޮށް ވީހާ ވެސް މަދު އެއްޗެހި ބޭނުންކޮށްގެން ރީތި ހޭންޑިކްރާފްޓް މަސައްކަތް ދަސްކޮށްދިނުމަކީ ވެސް އޭނާގެ ވިސްނުމެކެވެ. ސިޓިން ރޫމް ހަޑިނުވާނެ ފަދަ ގޮތަކަށް ވީހާ ވެސް މަދު މެޓީރިއަލްސް ބޭނުންކޮށްގެން ރީތި ބޭނުން ހިފޭ ކަހަލަ އެއްޗެއް ދަސްކޮށްދިނުމުން ސޯޝަލް މީޑިއާގައި ކުދިން ހޭދަކުރާ ވަގުތު މަދުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ
"މިސާލަކަށް މަލެއްގެ ކަރުގަނޑު ހަދަން މިނަލެއް ލާފައި ވެސް ހެދިދާނެ. މިނާ ގަތުމުގެ ބަދަލުގައި އަތުގައާއި ކަރުގައި އަޅަން ބޭނުންކުރާ މިނާފަތި ހަލާކުވުމުން އެއްލާލުމުގެ ބަދަލުގައި ބޭނުންތެރި އެއްޗަކަށް ބަދަލުކޮށްލެވިދާނެ. މަލުގެ ތަނޑަށްލާ ނަރުކޮޅު ގަތުމުގެ ބަދަލުގައި ބާ ކަރަންޓު ނަރުގެ ބޭރު ނައްޓާފައި ވެސް ބޭނުންކުރެވިދާނެ. ނުވަތަ ފަހާ ތަންތަނުން އެއްލާލެވޭ ކަޓްޕީސް (ބާކީ ފޮތިކޮޅުތައް) ތަކުން ޕެޗް ވޯކް، ދަބަސް، ކުޝަން ފަދަ ބާވަތްތައް ތައްޔާރު ކުރެވިދާނެ،" ޖުވޭ ބުންޏެވެ.
2000 ވަނަ އަހަރުގައި ހޭންޑިކްރާފްޓް ފޮތެއް ވެސް އޭނާ ނެރުނެެވެ. އެފޮތް ތައްޔާރުކުރުމުގެ ބޭނުމަކީ ސްކޫލްތަކުގައި ޓީޗަރުންނަށް ވެސް ބޭނުންކުރެވޭނެ ފޮތެއް ތައްޔާރުކުރުމެވެ. ޖުވޭގެ ހޭންޑިކްރާފްޓް މަސައްކަތް ދަސްކޮށްދިނުމުގެ މަސައްކަތް ވަރަށް ގިނަ ސްކޫލްތަކުގައި އާއި އިސްރަށްވެހިންގެ ނާދީގައި މިހާރު ވެސް ހިންގަ އެވެ.
"މީހަކަށް އެނގިފައިވާ ހުނަރެއް އަނެކާއަށް ދަސް ކޮށްދިނުމަކީ އެހުނަރަކަށް ލިބޭނޭ އިތުރު ކުރި އެރުމެއް. އަދި އެހުނަރެއް ހަނދާން ނެތިގެން ނުދާނެ. އެމީހަކަށް ލިބިފައިވާ ހުނަރަކީ ވާރުތަވާ އެސެޓެއް. ނުވަތަ އިންވެސްޓަރަކާ ނުލައި އެހުނަރު ބޭނުންކޮށްގެން އާމްދަނީ ހޯދުމަށް ލިބިފައިވާ އެސެޓެއް. އަޅުގަނޑު ކިޔަވާދޭއިރު ދަރިވަރުންނަށް އަބަދުވެސް ކިޔައިދެން ކޮންމެ އެއްޗެއް ވިޔަސް އެއީ މިސާލަކަށް ކައްކާ އެއްޗެއްވިޔަސް އަދި ހޭންޑީކްރާފްޓް އެއްޗެއް ވިޔަސް، ކޮޕީއެއް ހެދުމުގެ ބަދަލުގައި އަމިއްލަ ގޮތަކަށް އަމިއްލަ އުފެއްދުމެއް ހެދުމަށް. ދުނިޔޭގައި ގިނަވާނީ މާކެޓް ކުރާމީހުންނާއި ވިޔަފާރިވެރިން. އުފެއްދުންތެރިންނާއި އެއުފެއްދުން ބޭނުންކުރާ މީހުން މަދުވާނެ،" ޖުވޭ ބުންޏެވެ.
ޖުވޭ ދޭ ނަސޭހަތަކީ ކޮންމެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް، އެ މަސައްކަތާ ބެހޭ މައުލޫމާތުތައް ދެނެގަނެ ދަސްކޮށްގެން ކުރުމަކީ އެ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެކަމެވެ.