މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މާތްވެގެންވާ މައްކާއަށް އެތެރެވުމަށް ރަސްމީ ހުއްދައެއް ހޯދުން ލާޒިމުވާ ގޮތަށް ސައުދީ އަރަބިއާ އިން އުސޫލެއް އިއުލާނުކޮށްފި އެވެ.

ސައުދީގެ ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ ޝައްވާލު މަހުގެ 25 (އޭޕްރިލް 23) ވާ ބުދަ ދުވަހުން ފެށިގެން މައްކާ އަށް އެތެރެވާ ރެޒިޑެންޓުން ކަމާގުޅޭ އިދާރާތަކުން ބޭނުންވާ ރަސްމީ ހުއްދަ އެއް ހޯދަން ޖެހޭނެ ކަމަށް އެގައުމުގެ ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓްރޭޓުން ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސައްހަ ހުއްދައަކާ ނުލައި އެތެރެވާނެ މަސައްކަތްކުރާ ފަރާތްތައް އެ މުގައްދަސް ސިޓީގެ ސެކިއުރިޓީ ޗެކްޕޮއިންޓްތަކުން ބަލާ ފާސްކޮށް އަނބުރާ ފޮނުވާލެވޭނެ އެވެ.

އެގައުމުން ބުނި ގޮތުގައި މީގެ މަގްސަދަކީ މާތްވެގެންވާ ހައްޖު މޫސުމުގައި މައްކާއަކީ ހައްޖުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމެވެ.

އެގައުމުގެ ޕަބްލިކް ސެކިއުރިޓީން ބުނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ އިތުރަށް މައްކާގައި މަސައްކަތް ކުރުމަށް ނުވަތަ އެ ސިޓީގައި ހުރުމަށް ވެސް ބޭނުންވާ ރަސްމީ ހުއްދަ ނެތް އުޅަނދުތަކާއި ފަރާތްތަށް އަނގުރާ ފޮނުވާލެވޭނެ ކަމަށެވެ.

ހައްޖުގެ މޫސުމަށް މައްކާއަށް އެތެރެވުމަށް ބޭނުންވާ ހުއްދަ "އަބްޝާރު އިންޑިވިޖުއަލްސް" ޕްލެޓްފޯމާއި "މުޤީމް" ޕޯޓަލް މެދުވެރިކޮށް، ހައްޖުގެ ހުއްދަތަކާއި ބެހޭ ޔުނިފައިޑް ޑިޖިޓަލް ޕްލެޓްފޯމް ކަމުގައިވާ "ތަސްރީހް" އިން ދޫކުރެވޭނެ އެވެ.