ރައީސް މުހައްމަދު މުއިއްޒު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހޭކަމަށް ޒާތީގޮތުން ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓާއެކު ޑރ. ޖަމީލު ވަނީ އަދަދު ނޫހުން އާއްމުކޮށްފައިވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ އެއްވެސް ހިއްސާ ކުރައްވާފަ އެވެ.

އިލްމީ ވާހަކަތަކަށް ރައްދު ދޭން ޖެހޭނީ އިލްމީ ގޮތުން ކަން ފާހަގަކުރައްވަމުން ޑރ. ޖަމީލް ވަނީ ދޮގުހަދާ ފަރާތްތަކާ ބެހޭގޮތުން މާތް ﷲގެ ލައުނަތް އެފަރާތްތަކަށް ލިބިގެންވާ ކަމަށް ކީރިތި ޤުރުއާނުގެ ޢާލް އިމްރާން ސޫރަތުގެ 61 ވަނަ އާޔަތުގައިވާ ކަމަށާއި ދޮގުހަދާ މީހުންނަކީ މާތް ﷲގެ އާޔަތްތަކަށް ވެސް އީމާންނުވާ މީހުންކަމަށް ނަޙްލު ސޫރަތުގެ 105 ވަނަ އާޔަތުގައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ދެން އޮތީ މިޙަވާލާދޭ ޙަދީޘްއަކީ މުއްތަފަގުން ޢަލައިހި ޙަދީޘެއް. މަސްއޫލިއްޔަތު ޙަވާލުވެފައިވާ މީހަކު ރައްޔިތުންނަށް މަކަރު ހެދުން މަތީ ދެމިހުރެ މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ޙަރާމްވާނެ ކަމަށް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުއަށް ހުރިހާ މޮޅެއް ނުވެވޭނެ ކަމަށާއި ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށް ވައުދުވެވަޑައިގެން ވޯޓު ހޯދެއްވުމަށްފަހު އެކަމަށް ހިޔާނަތްތެރިވެ ވޯޓު ދިން ރައްޔިތުންނަށް ޣައްދާރު ވެވަޑައިގެންނެވި ކަމަށެވެ. އަދި މިއަދު ކުރިއަށް ގެންދަވަނީ އޭރު ބާތިލް ކަމަށް ވިދާޅުވި ޝަރީއަތް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ދީނުގައި މަކަރު ހަދާ ދޮގު ހަދާ ފަރާތްތަކުގެ ޙުކުމް އޮތްގެތޭ ބުނުމުން އެކަން ހަނދާން ކޮށްދޭ ފަރާތް ވެސް ވަނީ ގޯސްކަމަށާއި ރައީސް މުއިއްޒުއަކީ ރިޔާސީ ޓިކެޓް އަމާނާތެއް ގޮތަށް ހަވާލުވި ފަރާތްކަމަށްވާއިރު އެއީ ނުދައްކާ ވާހަކަތަކަކަށް އަދި އެ ހަގީގަތް އެއީ ނުވާކަމެއް ކަމަށް ނުހެދޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

މިއާއެކު ޑރ. ޖަމީލް ވަނީ ޑިމޮކްރެޓިކް މުޖްތަމައެއްގައި ވޯޓް ހޯދަން ބޭނުންކުރާ އަސާސްއާ ހިލާފުވުމަކީ ވެރިކަމުގެ ލެޖިޓިމަސީ ގެއްލޭކަމެއް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވެރިކަމުން ބާލަން ރައްޔިތުން ނުކުންނަން ވެއްޖެ ކަމަށާއި ވެރިކަމުން ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭކަމަށް ޒާތީ ގޮތުން ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.