ޖިންސީ ފުރައްސާރައާއި ޓްރެފިކިންގެ ތުހުމަތު ކުރެވިފައިވާ ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑިޑީ)ގެ ކުރިއަށް އޮތް ޝަރީއަތް ފަސްކުރަން ކޯޓުގައި އެދުމުން ނާކާމިޔާބު ވެއްޖެ އެވެ.
އަންނަ މެއި މަހުގެ ފަސްވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ޝަރީއަތް އިތުރު ދެ މަސް ދުވަހަށް ފަސްކުރަން ޑިޑީ އެދިފައިވަނީ ދައުވާތަކަށް ތައްޔާރުވާން އޭނާއާއި އޭނާގެ ވަކީލުންގެ ޓީމަށް ވަގުތު ބޭނުންވާ ކަމަށް ބުނެ އެވެ.
އެހެން ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރު އަރުން ސުބްރަމާނިއަމް ވަނީ ޑިޑީގެ އެ ހުށައެޅުމަށް ނޫން ބަސް ބުނެ އެ ހުށައެޅުން އަނބުރާ ފޮނުވާލާފަ އެވެ.
އެގޮތުން ދައުވާއަށް ތައްޔާރުވާން ޑިޑީއާއި އޭނާގެ ޓީމަށް އެކަށީގެންވާ ވަގުތު ލިބިއްޖެ ކަމަށް ފަނޑިޔާރު އަރުންގެ ހުކުމުގައި ވިދާޅުވެފައިވެ އެވެ. އެހެން ކަމުން ޝަރީއަތް ދެން އިތުރަށް ފަސް ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖިންސީ ފުރައްސާރައާއި ގޯނާގެ ތުހުމަތުގައި މިދިޔަ ސެޕްޓެމްބަރު ހައްޔަރު ކުރެވުނީއްސުރެ މިއަދާ ހަމައަށް ވެސް ޑިޑީ ހުރީ ޖަލުގަ އެވެ.
މީޑިއާގެ ބޮޑު ސަމާލުކަމެއް އަމާޒުވެފައިވާ ޑިޑީގެ ޝަރީއަތް ގާތްގަނޑަކަށް 8 ހަފްތާއާއި 10 ހަފްތާގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.