ދިރާގު ފުވައްމުލައް ރަން 2025 (ޑީއެފްއާރު) ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފަށަން ނިންމައިފި އެވެ.
ދިރާގުން ބުނިގޮތުގައި ޑީއެފްއާރުގެ ބިބް އެކްސްޕޯ ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގަ އެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ގޮތުން، ބިބް އެކްސްޕޯ ކުރިއަށްދާނީ:
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
މި ދެ ދުވަހަށް ފަހު، ދެން ބިބް އެކްސްޕޯ ކުރިއަށްދާނީ ދުވުން އޮންނަ ފުވައްމުލަކުގައި މިމަހުގެ 30 އިން މޭ 1 އަށް ސިޓީ ކައުންސިލް އޮފީހުގެ ކުރުނދުމާ މާލަމުގައި:
- ހެނދުނުގެ 9:00 އިން މެންދުރު 12:00 އަށް
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
"އެހެންކަމުން، މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މާލެއިން ނުވަތަ ފުވައްމުލަކު ސިޓީއިން ބިބް އަދި ރޭސް ކިޓް ނެގުމުގެ ފުރުސަތުވަނީ ދިރާގުން ފަހިކޮށްދީފައި،" ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިން ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ އެވެ. އަދި، ރޭސް ކިޓް ހަވާލުކުރެވޭނީ، ދުވުންތެރިޔާގެ އައިޑީ ކާޑް (ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް) އަދި ބިބް ނަންބަރު ހުށަހެޅުމުން ކަމަށް ދިރާގުން ބުނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އާ އެޑިޝަނެއް ކަމަށްވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ 2 ވަނަ ދުވަހު ފުވައްމުލަކުގަ އެވެ.