ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ އިންތިހާއަށް ބޮޑުކުރުމާއެކު ސިނގިރޭޓާއި އެނޫން ވެސް ދުންފަތުގެ ހުރިހާ ބާވަތެއްގެ އަގުތައް ވަނީ އަތްނުފޯރާ ހިސާބަށް އުފުލި، ވަގަށް ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް އެތެރެކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވަގަށް ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެތެރެކުރަނީ ކަސްޓަމްސްގެ އޮފިސަރުންނާ ގުޅިގެން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ސިނގިރޭޓުތައް އަތުލައިގެންފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެ ގޮތުން 130،155 ސިނގިރޭޓް އަތުލައިގަނެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ އިން ވެސް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅުނު ފުލުހުންގެ ދެ މީހަކު މިދިޔަ މަހު ވަނީ އަތުލައިގެންފަ އެވެ. މީގެ އިތުރުން ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ދެ ބޮންޑެޑް ވެއާ ހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަހުގީގުކޮށް އެ ދެ ވެއާހައުސްގެ ރަޖިސްޓްރީ މިދިޔަ ފެބްރުއަރީ މަހު ވަނީ ބާތިލްކޮށްފަ އެވެ.

މި މައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑް ވެއާހައުސް އިން ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އެ ދެ މައްސަލަ ވެސް ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފަ އެވެ.