ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަން އުޅޭ ބަދަލަކީ އެމްޑީޕީން ތާއީދު ކުރާނެ ބަދަލެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާގޮތަށް ހަދަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ މަޖިލިސް މެންބަރުންނަށް އަންގަވާފަ އެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވަން ވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި ސާފު މެންޑޭޓަކާއެކު ކަމަށެވެ.
"އިސްރާފުބޮޑު ބޭކާރު އެތަށް ހަރަދުތަކެއް [ސަރުކާރުން ކުރަމުންދާއިރު] ހަރަދު ކުޑަކުރުން ނަމުގައި ގެންނަން އުޅޭ މި އިސްލާހުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ. އަދި މި ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމަށް ފައްޔާޒު ތާއީދު ކުރައްވަ އެވެ. އޭނާ ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެގޮތަށް ނިންމުމުގެ ކުރިން ފުޅާދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެކީގައި ބޭއްވުމަށް ވެސް ރައީސް މުއިއްޒު ބޭނުންވެ އެވެ. އެކަން ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.