އޭނާ އާއި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ބަރަހަނާކޮށްގެން ފޮޓޯ ނަގަން ފުލުހުން އަމުރެއް ހޯދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަންގަވައިގެން އެބޭފުޅުންގެ އިންސާނީ ކަރާމާތް ނަގާލަން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

މަންދީ އާއި މާޒް ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާތަނެއް ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި އަމުރު ނެރުނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.

މިކަމާ ގުޅޭގޮތުން "ހުރިހާ"އާ ވާހަކަދައްކަވަމުން މާޒް ސަލީމް ވިދާޅުވީ ޖިންސީ ގުނަވަން ފިޔަވައި އެހެން ހުރިހާތަނެއް ފޮޓޯ ނަގަން އަމުރުކޮށްފައި އޮތުމުން ހަމަބުއްދި ހުރި އެއްވެސް އިންސާނަކަށް އެ ބުނަނީ ކީއްކޭކަން ނޯޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބަރަހަނާ ނުކޮށް އެފަދަ ފޮޓޯއެއް ނެގުމުގެ ކުޅަދާނަ ކަމެއް އެއްވެސް އިންސާނަކަށް ލިބިފައިނުވާ ކަމަށެވެ.

މި މައްސަލައިން ދިފާއުވުމަށް ޕީއެންސީގެ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ސަލީމް ވިދާޅުވީ އެއީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ އަންގަވައިގެން އޭނަ އާއި މަންދީގެ އިންސާނީ ކަރާމާތް ނަގާލަން ފުލުހުން ކުރަމުން އުޅޭ ކަމެެއް ކަމަށެވެ.

"އެ އުޅެނީ ސާޖިދާ އަންގައިގެން އަޅުގަނޑުމެންގެ އިންސާނީ ކަރާމާތް ނަގާލަން. އަޅުގަނޑުމެންގެ އެފަދަ ފޮޓޯއެއް ނަގަންޖެހޭ ސަބަބަކީ ކޮބައިތޯ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ސާޖިދާގެ ދަރިއެއްގެ ވާހަކަ ދެއްކުމުން ތަހުގީގު ކުރާ މައްސަލައެއްގެ ހެއްކަކަށް އެ ވާހަކަ ދެއްކި މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގެ ފޮޓޯ ނެގުމަކީ ޖޯކެއް ކަމަށެވެ.

"މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި ނެތް އަނގަބަހުން ބުނި ބަހަކާ ގުޅިގެން ބެލި މައްސަލައެއްގެ ތަހުގީގަށް މީހެއްގެ ހަށިގަނޑުގެ ފޮޓޯއެއް ނަގާފައި. މިއީ މުޅި ދުނިޔޭގައި ވެސް އަލަށް ކުރާ ކަމެއް،" ސަލީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ 18 އަހަރުން މަތީގެ ދަރިއެއް ވެސް ހުރެއެވެ. މުޒާހަރާގައި މަންދީ ދެއްކި ވާހަކައިގައި އެއީ 18 ދަށުގެ ދަރިއެއް ކަމެއް ނުވަތަ 18 އަހަރުން މަތީގެ ދަރިއެއް ކަމަށް ބުނެފައެއްނުވެއެވެ. އަދި އެއީ ކޮން ޖިންސެއްގެ ދަރިއެއް ކަމެއް ވެސް ނުބުނެ އެވެ.

ސަލީމް ވިދާޅުވީ ވަކި ކުއްޖެއްގެ އައިޑެންޓިޓީ އެނގޭފަދަ ގޮތަކަށް ވާހަކަދައްކާފައިނުވާއިރު، ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އޭނަ އާއި މަންދީ އަރައިގަތް ކަމަށް ބުނެ ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހުން ފުލުހުންނަށް މައްސަލަ ހުށަހެޅީ ސީދާ ރައީސްގެ އަނބިކަނބަލުން ސާޖިދާ އަންގަވައިގެން ކަމަށެވެ. އަދި އެކަން އެހެން ކުރެއްވުމަށްފަހު ދިފާއުވުމަށް މިހާރު ބަޔާންތައް ނެރުއްވުމުން "އަންނަނީ ހިނި" ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮމްބަޑްސް ޕާސަން ލައްވައި މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައި. ބަޔާނެއް ނެރެފައި ސާޖިދާ މި ބުނަނީ ތިމަން ކަމަނާ ހުށަހެޅި މައްސަލައެއް ނޫނޭއެއީ. މިކަހަލަ ވާހަކަދައްކާތީ އަޅުގަނޑުމެންގެ ގާތަށް އަންނަނީ ހިނި،" ސަލީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒާއެކު މީޑިއާއަކަށް ދެެއްވި އިންޓަވިއުއެއްގައި އުމަައިރުގެ އަޚްލާގަށް ބަދަލުތަކެއް އަންނަ ކަމަށް ވިދާޅުވެ ސާޖިދާ ވަނީ ވާހަކަދައްކަވާފަ އެވެ. އެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ފުލުހުން ބަލަންވީ މައްސަލައަކީ ސާޖިދާ އަމިއްލަ ދަރިފުޅުގެ ކަރާމާތް ނަގާލި މައްސަލަ ކަމަށެވެ. ސާޖިދާގެ އެ އަމަލު ކުށްވެރިކޮށްލާނެ މުއައްސަސާއެއް ރާއްޖޭގައި ނެތް ކަމަށާއި ހުރިހާ މުއައްސަސާއެއް ވަނީ ރައީސް މުއިއްޒުގެ ކޮންޓްރޯލް ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.