ރ. އިނގުރައިދޫގައި އުޅޭ ބުޅާތައް ހިފާ، ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އިނގުރައިދޫ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އިނގުރައިދޫ ކައުންސިލުން ގެޒެޓް ކުރި އިއުލާނެއްގައި ވަނީ އެރަށުގައި މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފަ އެވެ.

އެހެންކަމުން ރައްކާތެރި ގޮތުގައި ބުޅާ ހިފައި، އެއްވެސް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ނުހިމެނޭ ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެ އެވެ.

މި މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތަށްކަން ފާހަގަކޮށް އިނގުރައިދޫ ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 27 އޭޕްރީލް ވާ އާދިއްތަ ދުވަހުގެ ކުރިން އެރަށުގެ ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިއާއެކު އެރަށުގެ ކައުންސިލުން ބުނީ މި މަސައްކަތަށް ހުށަހަޅަން ވާނީ 300 ބުޅާ ހިފައިދޭނެ އަގު ކަމަށެވެ.