ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާއި އިލެކްޓްރޯނިކް ވޯޓިން ތައާރަފުކުރުމާ ގުޅޭގޮތުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަހުލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ހަރަދުކުޑަކުރުމުގެ ނަމުގައި ދެވަނަ ބުރު އުވާލަން ވަކާލާތުކުރާނީ ރައްޔިތުންގެ ސީދާ ވޯޓުން 50 ޕަސެންޓް ލިބިދާނެ ކަމަށް ޔަގީން ނުވާ ކެންޑިޑޭޓުން ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ފޮރުވިފައި އޮތް އެންމެ ބޮޑު ސިއްރަކީ، މިބަދަލާއެކު އިލެކްޓްރޯނިކް ވޯޓިން ތައާރަފްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުލޫފް އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގައި ވޯޓުލާ ނިޒާމަށް އަދި މިހާރު ގުނާގޮތަށް ވެސް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެހޭ ކަމަށެވެ. އަދި މިހާރު އިންތިހާބުގެ ކަންކަން ރޭވިފައިވާ ގޮތުން، ފާޅުގައި ނޫން ގޮތަކަށް ނަތީޖާ ބަދަލުވާކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ، އެންމެ ދެތިން ގަޑިއިރުތެރޭ ލިބޭއިރު، އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ނަތީޖާބަދަލުކުރަން ފުރުސަތެއް ނުދެވޭނެ ކަމަށްވެސް މަހުލޫފް ވިދާޅުވެފައިވެ އެވެ.
މަހުލޫފް މިފަދައިން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށް ވަކާލާތު ކުރައްވާކަމަށް ރައީސް މުހައްމަދު މުއިއްޒު، ވިދާޅުވެފައި ވަނިކޮށެވެ. މިކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.