ޖައްވީ ކަންކަމަކީ އިންސާނުން އަބަދުވެސް ވަރަށް ޝައުގުވެރިވާ އެކަންކަމުގެ ހަބަރުތައް ބަލަން ބޭނުންވާ ކަންކަމެވެ. އެގޮތުން ޖައްވުގެ ފޮޓޯތަކަކީ ވެސް އިންސާނުންގެ ސިކުނޑި ހައިރާން ކޮށްލާފަދަ ފޮޓޯތަކެކެވެ.

އެގޮތުން ތަޖުރިބާކާރު ޖައްވީ ސައިންސްވެރިއެއް ކަމަށްވާ ޑޮން ޕެޓީޓް މިވަނީ މީގެ ކުރިން ފެނިފައިނުވާ ފަދަ ޖައްވުގެ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.

ޑޮން ނަގާފައިވާ ފޮޓޯއެއް

ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ހަތަރު ފަހަރު ދަތުރު ކޮށްފައިވާ ޑޮން އާއްމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ޖައްވަށް ދާ ސައިންސްވެރިންނަށް އެ މަންޒަރު ފެންނަ ގޮތް ދައްކުވައިދޭ ފޮޓޯތަކެކެވެ.

ޑޮން ބުނިގޮތުގައި އެސްޓްރޯފޮޓޯގްރަފީއަކީ އޭނާ އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އެކަމުގައި ތަފާތު ގޮތެއް ގެންގުޅެން ބޭޭނުންވާ ކަމަށެވެ.

ޑޮން ނަގާފައިވާ ފޮޓޯއެއް

އެހެން ކަމުން އޭނާ ނަގާ ފޮޓޯތަކަކީ ދުނިޔޭގެ ހޮރިޒޯން ފެންނަ ގޮތަށް ޖައްވުގެ ތެރޭގައިވާ ގެލެކްސީތައް ވެސް ދައްކުވައިދޭ ފޮޓޯތަކެއް ކަމަށް ޑޮން ބުންޏެވެ.

"ދުނިޔެއަކީ ބިމުގައި ހުންނައިރު ވެސް ރީތި ތަނެއް، މިތަނުން ބަލާއިރު ވެސް ރީތި ތަނެއް" އައިއެސްއެސްގައި ހުރެ އޭޕްރީލް މަހު ދިން އިންޓަވިއުއެއްގައި ޑޮން ބުންޏެވެ.

ޑޮން ނަގާފައިވާ ފޮޓޯއެއް

ޑޮންގެ ފޮޓޯތަކުގެ އިތުރުން ވެސް އޭނާއަކީ ޖައްވުގައި އެންމެ ފުރަތަމަ އީޖާދު ކުރެވުނު އާލާތް އީޖާދުކުރި ފަރާތްކަން ފާހަގަ ކޮށްލެވެ އެވެ.

އޭނާ އީޖާދު ކޮށްފައިވަނީ ޖައްވީ ސައިންސްވެރިން އައިއެސްއެސްގައި ހޭދަކުރާ ދުވަސްވަރު އެއްވެސް ދަމާބާރެއް ނެތި އެކި ކަހަލަ ދިޔާ ތަކެތި ބޯން ފަސޭހަ ކުރުވާ ޖޯޑެކެވެ.