އެމްޑީޕީގެ އިސް އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވައި, ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅޭ ތަފްސީލު ފުލުހުން ހާމަކޮށްފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން މިފަދައިން އަމުރު ކުރުމުން ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފަ ވަނިކޮށް ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ނަގަން ބޭނުންވާނަމަ އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށެވެ.
އެ މީހެއްގެ ރުހުން ނުދޭކަމުގައި ވާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ފޮޓޯއާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލްގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓު އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާން ކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް ކަމަށެވެ.
މިއާއެކު ފުލުހުން ވަނީ އާންމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް މި ނޫސްބަޔާނުގައި ބުނެފައެވެ.
ފުލުހުން ބުނީ މިވަގުތު ސާމްޕަލް ނެގުމާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ޕޮލިސް ޗިޓަކީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅައިގެން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމަށެވެ.