ބޮލީވުޑްގެ މެގަސްޓާ ސަލްމާން ޚާންގެ ކައިވެނީގެ ވާހަކައަކީ ބޮލީވުޑްގައި އަބަދުވެސް ދެކެވޭ ހޫނު ހަބަރެއްގެ ގޮތުގައި ބެލެވިފައިވާ ވާހަކައެކެވެ.

ފާއިތުވި އަހަރުތަކުގައި އެކި މީހުންނާ ލޯބީގެ ގޮތުން ސަލްމާން ގުޅިފައިވާއިރު އެއިން އެއްވެސް ފަރާތަކާއެކު ކައިވެންޏަކާ ހިސާބަކަށް ގޮސްފައެއް ނުވެ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަލްމާން ދުވަހަކުވެސް ކައިވެނި ނުކޮށް ހުރީ އޭނާގެ އެންމެ ފުރަތަމަ ލޯބި ކަމަށްވާ އައިޝްވާރްޔާ ރާއީއާއެކު ފަށަން އުޅުނު ޒަވާޖީ ހަޔާތް ނުފެށި އެ ގުޅުން ނާކާމިޔާބު ވުމުންނެވެ.

ސަލްމާންގެ ކައިވެންޏާއި އޭނާ މިހާތަނަށް ވެސް ކައިވެނި ނުކޮށް ހުންނަ ސަބަބާ ބެހޭގޮތުން އޭނާގެ ބައްޕަ ސަލީމް ޚާން ވަނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކާފަ އެވެ.

ސަލީމް ބުނީ ސަލްމާންއަށް ކައިވެންޏަކާ ހިސާބަށް ނުދެވޭ މައިގަނޑު އެއް ސަބަބަކީ އެކަމާމެދު އޭނާގެ ވިސްނުން ގެންގުޅޭ ގޮތް ކަމަށެވެ.

ސަލްމާން ބޭނުންވަނީ ކައިވެންޏަށްފަހު އަނބިމީހާ އޭނާގެ ހުރިހާ އަމިއްލަ މަސައްކަތެއް ދޫކޮށް ގޭގައި ހުންނަން ކަމަށާއި އެއީ ނުވާނެ ކަމެއް ކަމަށް ސަލީމް ބުނެފައިވެ އެވެ.

"ސަލްމާން ލޯބީގެ ގޮތުން ގުޅޭ ކޮންމެ އަންހެނެއްގެ ފަރާތުން ވެސް ހޯދަނީ އޭނާގެ މަންމަ. އެކަމަކު އެއީ ނުވާނެ ކަމެއް،" ސަލީމް ބުންޏެވެ.

ސަލީމް އިތުރަށް ބުނީ އަނބިމީހާ އޭނާގެ ހުރިހާ އަމިއްލަ މަސައްކަތެއް ދޫކޮށް ދަރިން ބެލުމާއި ގޭތެރޭގެ ކަންކަމަށް ހާއްސަވާން ސަލްމާން ބޭނުންވާ ކަމަށެވެ.

ސަލްމާން މިހާތަނަށް ލޯބީގެ ގޮތުން ގުޅިފައިވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ އަންހެން ތަރިންނާ ކަމަށާއި އެހެން ނަމަވެސް އެއަށްފަހު އެތަރިންގެ ދިރިއުޅުން މުޅިން ބަދަލުކުރަން ސަލްމާން މަސައްކަތްކުރާ ކަމަށް ވެސް ސަލީމް ބުނެފައިވެ އެވެ.

މިހާތަނަށް ސަލްމާން ލޯބީގެ ގޮތުން ގުޅުނު އެކްޓަރުންގެ ތެރޭގައި އައިޝްވާރްޔާ ރާއީ، ކެޓްރީނާ ކައިފް އަދި އިއުލިއާ ވަންތޫރު ހިމެނެ އެވެ.