ބޭބީފެޓް ޖަހާފައި ހުރުމަކީ ގިނަ މީހުން ދެކޭ ގޮތުގައި ބޭބީގެ ލޯބިކަން އިތުރުކޮށްދޭ ކަމެކެވެ. ޚާއްސަކޮށް ފަލަކަމުން ބަނޑާއި، ކޯ އަދި ފައިގެ މަސްތައް އެލިފައި ހުންނަ ކުއްޖަކު ރަނގަޅަށް ކާންދީގެން ބަލަހައްޓާ ކަމަށް ބެލެވެ އެވެ.
ކަންމިހެން އޮތް ނަމަވެސް އާދަޔާޚިލާފަށް ބޭބީ ފަލަ ނަމަ އެއީ ނުރައްކާތެރި ބައްޔެއްގެ ސިގްނަލަށް ވެދާނެތީ އެކަމަށް ފަރުވާތެރިވާން ސިއްހީ މާހިރުން ލަފާދެ އެވެ. އެ ބޭފުޅު ވިދާޅުވާގޮތުގައި އާދަޔާޚިލާފަށް ބޭބީ ފަލަނަމަ، އެކަމުން އަންގައިދެނީ ބޭބީގެ ހަށިގަނޑަށް ބޭނުން ނުވާ ވަރަށް ކާންދެވޭ ކަމެވެ. ވީމާ ބޭބީގެ ބަރުދަން ޗެކްކޮށް ޑޮކްޓަރެއްގެ ލަފާގެ މަތިން ވަކި ބަރުދަނެއްގައި ދެމެހެއްޓުން ވަރަށް މުހިންމެވެ. ބޭބީއެއްގެ ބަރުދަން އަދަޔާ ޚިލާފަށް އިތުރުނަމަ ހެދިބޮޑުވުމުގައި ލަސްވެ އެވެ. މިސާލަކަށް ހަށިގަނޑު ބަރުކަމުން ފިރުކުމާއި، ހިނގަން ފެށުން ލަސްވެ އެވެ. އެފަދަ ކުދިންނަކީ ފަލަބަލީގެ ކުދިންނަށް ވުމުގެ ފުރުސަތު އޮވެ އެވެ. އަދި ބޮޑުވަމުން ދާވަރަކަށް ސިއްހީ މައްސަލަތައް ފެންނަން ފަށަ އެވެ.
ދުނިޔޭގައިވާ މަޚްލޫގުންގެ ތެރެއިން ވިހާއިރު އެންމެ ބޮޑަށް މަސްޖަހާފައި ހުންނަނީ އިންސާނުންގެ އެވެ. އެއީ 15 ޕަސެންޓެވެ. އިންސާނުންނާ އެންމެ ވައްތަރު ރާމާމަކުނު ވިހާއިރު ވެސް ހަށިގަނޑުގައި ފެޓް ހުންނަ މިންވަރު އިންސާނަކަށް ވުރެ ދަށެވެ. ފަލަކޮށް ތިބޭ ޖަނަވާރުންގެ ފެޓް ފަށަލަ އުފެދެން ފަށަނީ ވިހެއުމަށް ފަހު އެވެ. އިންސާނުންނަށް ވުރެ ބޮޑު ނަމަވެސް އަދި ކުޑަނަމަވެސް ހަގީގަތަކީ މިއީ އެވެ.
ތުއްތު ދަރުފުޅު ވިހެއުމަށްފަހު ހަތަރު މަހާއި ނުވަ ވަނަ މަހުގައި ފެޓް ޖަހަން ފަށަ އެވެ. އެއަށްފަހު މަޑުމަޑުން އެ ފެޓް ފަށަލަ ތުނިވާން ފަށަ އެވެ. ދެން ސުވާލަކީ ތުއްތު ދަރިފުޅު ވިހާއިރު އެހާ ފަލަވެފައި ވަނީ ކީއްވެތޯ އެވެ؟. ފުރަތަމަ ޖަވާބަކީ ފެޓް ފަށަލައިގެ ސަބަބުން ތުއްތު ދަރިފުޅު ފިނިން ރައްކާތެރިކޮށްދޭ ކަމެވެ. ނަމަވެސް މިކަމަށް ބާރުދޭ ހޯދުމެއް ފެންނާކަށް ނެތެވެ. އަދި ފިނި ތަންތަނުގައި ވިހާ ތުއްތުކުދިންގެ ހަށިގަނޑުގައި އެހެން ކުދިންނާއި ޚިލާފަށް ފެޓްގެ ބައި ގިނަ ކަމަކަށް ވެސް ފާހަގަ ކުރެވިފައެއް ނުވެ އެވެ. ފެޓް ފަށަލައަކީ ހޫނުމިން ހިފެހެއްޓުމަށް މުހިންމު ފަށަލައެއް ނަމަވެސް ފިނިން ރައްކާތެރިކޮށްދޭ ފަށަލައެއް ނޫނެވެ.
ބޭބީފެޓްގެ ދެ ވައްތަރެއް ހުރެ އެވެ. އެއް ވައްތަރަކީ ވައިޓްފެޓް އެވެ. ވައިޓްފެޓްއަކީ މިބުނާ ބޭބީތައް ލޯބިކޮށް ދައްކުވައިދޭ ފެޓްގެ ފަށަލައަށް ކިޔާ ނަމެކެވެ. ދެވަނަ ވައްތަރަކީ ބްރައުން ފެޓް ނުވަތަ ބްރައުން އެޑިޕޯސް ޓިޝޫ އެވެ. ބްރައުން އެޑިޕޯސް ޓިޝޫގެ ސަބަބުން ހަށިގަނޑު ފިނިން ސަލާމަތް ކޮށްދެ އެވެ. ކުއްޖާ ބޮޑުވަމުން ދާވަރަކަށް މިބުނެވިދިޔަ ބްރައުން އެޑިޕޯސް ޓިޝޫތައް ތުނިވަމުން ގޮސް އެއްކޮށް ހުސްވެ އެވެ.
ފެޓްގެ ހަގީގީ ބޭނުންމަކީ ހަކަތަ ނުލިބޭ ފަދަ ވަގުތެއް އަތުވެއްޖެ ނަމަ ހަށިގަނޑަށް ވަގުތުން ހަކަތަ ލިއްބައިދިނުމަށް ހަކަތަ ރައްކާ ކުރުމެވެ. ބޮޑެތި މީހުންނާއި ޚިލާފަށް ތުއްތު ކުދިންގެ ސިކުޑީގެ މަސައްކަތަށް ގިނަ އަދަދަކަށް ހަކަތަ ބޭނުންވެ އެވެ. ވީމާ ބޭބީސްގެ ހަށިގަނޑުގައި ޖަހާފައި ހުންނަ ފެޓްގެ ފަށަލައިން ބޭބީއަށް އިމަޖަންސީ ހާލަތްތަކުގައި ހަކަތަ ލިބިދެ އެވެ.
ބޭބީ ދުނިޔެއަށް އައުމަށްފަހު ގާތުން ކިރު ނުލިބި ހޭދަވާ ވަގުތުތަކުގައި ފެޓް ފަށަލައިގެ ބޭނުންކުރެ އެވެ. ކުރިން ބުނެވިދި ފަދައިން 4 މަހުން ފެށިގެން 9 ވަނަ މަހާ ހަމައަށް ބޭބީގެ ފެޓް ފަށަލައެއް ލާން ފަށަ އެވެ.