ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މީގެ ކުރިން މި މައުރަޒުގައިވާ ބައިވެރިވާ މުއްދަތު މިމަހުގެ 24 އަށް ހަމަވާ ގޮތަށް ކަނޑައަޅާފައިވީ ނަމަވެސް އެ ކޯޕަރޭޝަނުން ފަހުން ބުނީ މި މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި މެއިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީސީސީން ބުނީ މިފަދައިން ނިންމީ މި މައުރަޒުގައި ބައިވެރިވުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއެކު، ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށްކަމަށެވެ.

މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.

މިހާތަނަށް މައުރަޒުގައި ބައިވެރިވުމަށް 256 ފަރާތަކުން 4415 ޕްރޮޑަކްޓް ހުށައަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއިރު، މި ފަހަރުގެ މައުރަޒުގައި ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުސަތުތަކެއް މިހާރުވަނީ ހަމަޖައްސާފަ އެވެ.