ރައީސް މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ ބޮޑު ވަފުދެއް ބައިވެރިވެ އެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުއިއްޒަށް މެލޭޝިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ. އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަންވަރު އިބްރާހިމެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް މުއިއްޒު ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވާސިޓީގައި ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއަށް ރައީސް ކުރައްވާ ދަތުރުފުޅާ ގުޅިގެން ރޭވި ބައެއް ކަންކަން ކެންސަލް ކޮށްފައިވާކަން އެނގިފައިވެ އެވެ.

އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި މޯލްޑިވިއަން ސްޓޫޑަންޓް އެސޯސިއޭޝަން އޮފް މެލޭޝިއާ އިފްތިތާހުކުރުމަށް އަންނަ ހޯމަ ދުވަހު އެ ގައުމުގެ ގްރޭންޑް ހަޔަޓްގައި ބާއްވަން ހަމަޖެއްސި ރަސްމިއްޔާތު ކެންސަލްކުރިކަން އެނގިފައިވެ އެވެ.

މެލޭޝިއާ އެމްބަސީގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ އެ ރަސްމިއްޔާތު ކެންސަލް ކުރީ އެ އެސޯސިއޭޝަންގެ އިންޓަރިމް އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ ބައެއް މެންބަރުން އެ ރަސްމިއްޔާތުގައި ބައިވެރިވާން ދެކޮޅު ހެދުމުން ކަމަށެވެ. މީގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރަން ހާއްސަ ޑިނާއެއް ބާއްވަން ނިންމާފައިވެ އެވެ. ނަމަވެސް މި ހަފްލާގައިވެސް ބައިވެރިވުމަށް ބައެއް ދިވެހިން ދެކޮޅު ހަދަމުން ދާކަން އެނގިފައިވެ އެވެ.

ރައީސް މެލޭޝިއާއަށް ވަޑައިގަންނަވާއިރު، މި މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ޒުވާނުން ދަނީ މާލޭގެ މަގުތަކުގައި ބޮޑެތި މުޒާހަރާތައް ބާއްވަމުންނެވެ. މިކަމާ ގުޅިގެން ބޭރު ގައުމުތަކުގައި ދިރިއުޅޭ ގިނަ ޒުވާނުން ވެސް ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ފާޑުކިޔަމުން ގެންދެ އެވެ.