ޝާހްރުކް ޚާންއަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ތަޖުރިބާކާރު އެއް އެކްޓަރެވެ. 100 އަށްވުރެ ގިނަ ފިލްމުތަކުން އޭނާ ފެނިފައިވާއިރު އެ ފިލްމުތަކުގެ މަސައްކަތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް އޭނާ ދަތުރު ވެސް ކުރި އެވެ.
އެހެން ނަމަވެސް އުމުރުގެ ވަރަށް ފަހަކާ ޖެހެންދެން އޭނާގެ އާއިލާ ނިސްބަތްވާ ކަޝްމީރަށް ނުދާ ކަމަށް ޝާހްރުކް ޚާން ވަނީ އެއްބަސްވެފަ އެވެ.
"ކޯން ބަނޭގާ ކްރޯޑްޕަތީ"ގައި ވާހަކަ ދައްކަމުން ޝާހްރުކް ޚާން ބުނީ 2012 ވަނަ އަހަރުގެ ކުރިން ދުވަހަކު ވެސް ކަޝްމީރަށް ގޮސްފައި ނުވާނެ ކަމަށެވެ.
އެކަމުގެ ފަހަތުގައި ވަނީ އުމުރުން 15 އަހަރުގައި އޭނާގެ ބައްޕަ ތާޖު މުހައްމަދު ޚާންއަށް ކުރި ވައުދެއް ކަމަށް ޝާހްރުކް ޚާން ބުނެފައިވެ އެވެ.
"ބައްޕައަށް އަހަރެން ވައުދުވިން ކަޝްމީރަށް ދާނީ ބައްޕައާ އެކުގައޭ. ބައްޕަ ބުނީ ކަޝްމީރު ދައްކައިދޭނަމޭ. އެކަމަކު އެކަން ކާމިޔާބެއް ނުވި،" ޝާހްރުކް ޚާން ބުންޏެވެ.
އެ ނިންމުން ބަދަލުކޮށް 2012 ވަނަ އަހަރު އެންމެ ފުރަތަމަ ފަހަރަށް ކަޝްމީރަށް ދިޔައީ ބައްޕައެއްގެ ގޮތުގައި އޭނާ ގަބޫލުކުރި ޔަޝް ޗޯޕްރާގެ ފިލްމު "ޖަބް ތަކް ހޭ ޖާން"ގެ ޝޫޓިން އަށެވެ.
އެގޮތުން ޔަޝްއާއެކު ކަޝްމީރަށް ދެވުމުން އޭނާގެ އުފަން ބައްޕައާއެކު އެ ސަރަހައްދަށް ދެވުނު ކަމުގެ އިހުސާސް ކުރެވުނު ކަމަށް ޝާހްރުކް ޚާން ބުންޏެވެ.
ޝާހްރުކް ޚާންގެ ބައްޕަ ފަރާތުގެ މާމައަކީ ކަޝްމީރަށް ނިސްބަތްވާ މީހަކަށް ވުމުން އޭނާގެ އާއިލާ ކޮންމެވެސް ވަރަކަށް ކަޝްމީރަށް ވެސް ނިސްބަތްވެ އެވެ.