ގާތްގަނޑަކަށް ނުވަދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި "ބާސެލޯ ނަސަންދުރާ" ހޮޓެލް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިއީ މާލެ ސަރަހައްދުގައި ހުޅުވި ފުރަތަމަ ފަސްތަރީގެ ހޮޓަލެވެ.
އެ ހޮޓަލުގެ ސޯޝަލް މިޑީއާ ޕޯސްޓެއްގައި ބުނެފައި ވަނީ، ކުރީގެ ނަސަންދުރަ ޕެލެސް ހުރި ބިމުގައި "ބާސެލޯ ނަސަންދުރާ" ގެ ނަމުގައި ހެދި ފައިވް ސްޓާ ފެންވަރުގެ ހޮޓެލް ރަސްމީކޮށް މިއަދު ހުޅުވާފައިވާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން މި ހޮޓާ ހުޅުވަން ބޭނުންވާ ހުއްދަތައް ނުދީ ހިފެހެއްޓިކަމުގެ އަޑުތައް ފެތުރިފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ އެ މިނިސްޓްރީން އެއްވެސް ބަހެއް ނުބުނެ އެވެ.
ކުރިން ނަސަންދުރަ ޕެލަސް ހޮޓަލުގެ ނަމުގައި ހިންގި ތަނުގައި ހެދި މި ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ހުރެ އެވެ. އޭގެ އިތުރުން އެ އެޕާޓްމަންޓްތައް ދުވަހަށް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.
އެ ހޮޓަލުގައި ހަތަރު ރެސްޓޯރަންޓާއި ޖިމަކާއި ސްޕާއަކާއި 1،034 އަކަފޫޓުގެ ބޮޑު ކޮންފަރެންސް ސެންޓަރެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް ހުރެ އެވެ.
"ބާސެލޯ ނަސަންދުރާ" ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ޔޫއޭއީ އާއި ތައިލެންޑާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް ހޮޓަލުގެ ވިޔަފާރި ހިންގާ ބާސެލޯ ގްރޫޕުން ރާއްޖޭގައި ހިންގާ މިއީ ދެވަނަ ތަނެވެ. އެ ގްރޫޕުން ހިންގާ ރިސޯޓެއް އދ. އަތޮޅުގައި އޮވެ އެވެ. އެއީ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އެވެ.
މި ހޮޓެލް ހަދަން ރާއްޖެ އާއި ސްރީ ލަންކާގެ ކުންފުންޏެއްގެ ހިއްސާ އޮންނަ އެންޕީއެޗަށް އެ ބިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ.