ގެއްލިގެން ހޯދަމުންދިޔަ މުދާ އުފުލާ ދޯނި އެމްއެންޑީއެފުން ހޯދައިފި އެވެ.

ގދ. ގައްދޫއިން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ "ކަށި ވާލި" (ބްރިލިއަންޓް ކެރިއާ) ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ހަބަރެެއް ނުވުމާ ގުޅިގެން މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައި ވަނީ އިއްޔެ އެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް އެ ދޯނީގެ ޚަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓުކުރުމުން، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ މިއަދު ފަތިހު 4:00 ހާއިރު، ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވާ ކަމަށާއި އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ހުއްޓިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނިގޮތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.