ސްޕެއިން އާއި ޕޯޗުގަލް އިން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި އެވެ.

ޕޯޗުގަލް ގެ ގްރިޑް އޮޕަރޭޓާ ރެޑެސް އެނާޖެޓިކަސް ނަކިއޮނައިސް (އާރުއީއެން) އިން ބުނީ އައިބީރިއަން ޕެނިންސިއުލާ (ސްޕެއިން އާއި ޕޯޗުގަލް ހިމެނޭ ސަރަހައްދު) އާއި ފްރާންސުގެ ބަޔަކުންވެސް ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނު ކަމަށެވެ. އަދި ކަރަންޓު ކެނޑެން ދިމާވި ސަބަބު މިހާތަނަށް ހޯދިފައިނުވާ ކަމަށް ސްޕެއިން ގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވި އެވެ.

މި ހާދިސާގައި އެގައުމުތަކުގެ ޓްރެފިކް ލައިޓްތަކުގެ އިތުރުން ސަބްވޭ ސިސްޓަމް ތައް ވެސް ވަނީ ފެއިލް ވެފަ އެވެ. ގާތްގަނޑަކަށް 60 މިލިއަން މީހުން އުޅޭ މިދެގައުމުން ވަނީ މިމައްސަލަ ގުޅިގެން ހައްލުކުރުމަށ ކުއްލި ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ.

ރޭ ދަންވަރު ބޭއްވި މިފަދަ ބައްދަލުވުމަކަށް ފަހު ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން އެގައުމުގެ އަންދަލޫސިއާ އާއި އެކްސްޓްރެމަޑޫރާ، މުރުސިއާ އާއި ލަ ރިއޮޖާ ގެ އިތުރުން މެޑްރިޑަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

އޭގެ ފަހުން މިއަދު ހެނދުނާއި ހަމައަށް އެގައުމުގެ ކަރަންޓުގެ 87 އިންސައްތަ އިއާދަކުރެވިފައިވާއިރު އެގައުމުގެ ސަރުކާރުން ވަނީ މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެހެން މަގުތައް ހުސްކޮށްދިނުމަށް އެދިފަ އެވެ.

މިއީ ސައިބާ އެޓޭކެއް ސަބަބުން ވީ ކަމެއް ކަމަށް ބުނި ނަމަވެސް ޔޫރަޕު ކައުންސިލްގެ ރައީސް އަދި ޕޯޗުގަލް ގެ ކުރީގެ ބޮޑުވަޒީރު ހޮސޭ ލުއިސް މާޓިނޭސް ވިދާޅުވީ މި މައްސަލަ ދިމާވި ސަބަބު ނޭނގޭކަމަށާއި މިއީ ޕޯޗުގަލް އިން ފެށުނު މައްސަލައަކަށް ވުރެ ސްޕެއިން ގެ ސަބަބުން ދިމާވި މައްސަލަ އެއް ކަމަށް ބެލެވޭ ކަމަށެވެ.