ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ފީފާ ވޯލްޑް ކަޕް ރޭ ވަނީ ރަސްމީކޮށް ފެށިފަ އެވެ. މެކްސިކޯގެ މަޝްހޫރު އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރި ފުރަތަމަ މެޗާއެކު މުބާރާތް ފެށިގެން ދިޔައިރު މިއީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ފެނިގެންދާނެ އެންމެ ތަފާތު އަދި އެންމެ ބޮޑު ވޯލްޑް ކަޕެވެ.

މިފަހަރުގެ މުބާރާތުން ފާހަގަކޮށްލެވޭ އެންމެ ޝައުގުވެރި އަދި މުހިންމު ބައެއް ހަގީގަތްތަކަށް ބަލާލަމާ ހިނގާށެވެ.

1. ތިން ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ 96 އަހަރުވީ ތާރީހުގައި މިއީ ތިން ގައުމެއް ރޭވުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިފަހަރު މުބާރާތް ބާއްވަނީ އެމެރިކާ، ކެނެޑާ، އަދި މެކްސިކޯ ގުޅިގެންނެވެ. މީގެ ކުރިން ކޯ ހޯސްޓް ކޮށްފައިވަނީ ހަމައެކަނި 2002 ވަނަ އަހަރު ޖަޕާނާއި ސައުތު ކޮރެއާއިންނެވެ. މުބާރާތް ކުރިއަށްދާނީ މި ތިން ގައުމުގެ 16 ސިޓީއެއްގަ އެވެ.

2. 48 ޓީމާއި 104 މެޗު!

މިއީ މިހާތަނަށް އެންމެ ގިނަ ޓީމު ވާދަކުރާ ވޯލްޑް ކަޕެވެ. ކުރިން 32 ޓީމު ކުޅުނު މުބާރާތް މިފަހަރު ވަނީ 48 ޓީމަށް އިތުރު ކޮށްފަ އެވެ. މިއާއެކު މެޗުތަކުގެ އަދަދު 64 އިން 104 އަށް އިތުރު ވެގެންދާނެ އެވެ. ޓީމުތައް ބަހާލެވިފައިވަނީ 4 ޓީމު އެކުލެވޭ 12 ގްރޫޕަށެވެ. ގްރޫޕް ސްޓޭޖުން 32 ޓީމު ނޮކްއައުޓް ބުރަށް ހޮވޭނެ އެވެ.

3. ވަގުތު ބޭކާރުކުރުމާ ދެކޮޅަށް އާ ހަރުކަށި ގަވާއިދުތަކެއް

މިފަހަރުގެ މުބާރާތުގައި ކުޅުން ހަލުވިކުރުމަށާއި ވަގުތު ބޭކާރު ކުރުން ހުއްޓުވުމަށް ފީފާއިން ވަނީ އާ ގަވާއިދުތަކެއަ ތަކެއް ތައާރަފް ކޮށްފަ އެވެ

  • ލަސް ކުރުމުން ކައުންޓްޑައުން: ބޯޅަ އެއްލުމުގައި ނުވަތަ ގޯލް ކިކް ޖަހަން ކުޅުންތެރިން ގަސްތުގައި ލަސް ކުރާނަމަ ރެފްރީ 5 ސިކުންތުގެ ކައުންޓް ޑައުންއެއް ފަށާނެ އެވެ. އެ ވަގުތަށްވުރެ ލަސްވެއްޖެނަމަ ބޯޅަ އިދިކޮޅު ޓީމަށް ލިބޭނެ އެވެ.
  • ދަނޑުން ފޭބުން: ބަދަލުކުރާ ކުޅުންތެރިން ދަނޑުން ފޭބުމަށް ލިބޭނީ 10 ސިކުންތެވެ.
  • އަނިޔާވުން: ކުޅުންތެރިއަކަށް އަނިޔާ ވެގެން ދަނޑުމަތީގައި ފަރުވާ ދީފިނަމަ އަލުން ދަނޑަށް ވަނުމުގެ ކުރިން ބޭރުގައި 60 ސިކުންތު މަޑު ކުރަން ޖެހޭނެ އެވެ.

4. ރެފްރީންނަށް އެހީތެރިވާން އާޓިފިޝަލް އިންޓެލިޖެންސް

މި މުބާރާތުގައި ވީއޭއާރް ސިސްޓަމްގެ އިތުރުން އޮފްސައިޑްތަކާއި ފައުލްތައް ސީދާ ދެނެގަތުމަށް އޭއައި އެހީތެރި ވެދޭނެ އެވެ. އަދި ރެފްރީންނަށް ފަސޭހަ ކުރުމަށް ކުޅުންތެރިންގެ "ޑިޖިޓަލް އެވަޓާ" ބޭނުން ކޮށްގެން ކޮންމެ ދިމާލަކުން ވެސް މަންޒަރު ވަގުތުން ބަލާލެވޭނެ އެވެ.

5. ރޭގަނޑާއި ދުވާލުގެ ދަތުރުތަކުގެ ބޮޑު ގޮންޖެހުން

މި މުބާރާތް ބާއްވާ ސަރަހައްދު ބޮޑު ކަމުން ބައެއް ޓީމުތަކަށް ކޮންމެ ތިނެއް ނުވަތަ ހަތަރު ދުވަހަކުން އެތައް ހާސް ކިލޯމީޓަރެއްގެ ދުރު ރާސްތާއަށް ދަތުރު ކުރަން ޖެހޭނެ އެވެ. މިސާލަކަށް ކެނެޑާގެ ވެންކޫވަރުން ފެށިގެން މެކްސިކޯ ސިޓީއާ ދެމެދު 4,500 އަށްވުރެ ގިނަ މޭލުގެ ދުރުމިން ހުރެ އެވެ. މިއީ ކުޅުންތެރިންގެ ވަރުބަލި ކަމަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.

6. މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގެ ތާރީޚީ ރެކޯޑް

ފުރަތަމަ މެޗު ކުޅުނު މެކްސިކޯ ސިޓީގެ 'އެސްޓާޑިއޯ އަޒްޓެކާ' ސްޓޭޑިއަމްއަކީ ފިރިހެނުންގެ ތިން ވޯލްޑް ކަޕެއްގެ މެޗުތައް (1970، 1986 އަދި 2026) ހޯސްޓްކުރާ ދުނިޔޭގެ ފުރަތަމަ ސްޓޭޑިއަމް އެވެ. މި ސްޓޭޑިއަމް ހުންނަނީ ކަނޑުގެ ސަތަހައަށްވުރެ 2,200 މީޓަރު މަތީގައި ކަމުން،ވައިގެ ޕްރެޝަރަށް ހޭނިފައިނުވާ ބޭރު ގައުމުތަކުގެ ކުޅުންތެރިންނަށް މިތަނުގައި ނޭވާލާން އުނދަގޫވެ، ވަރުބަލިވުން އަވަސްވާނެ އެވެ.