އިންޑިއާ ނޭވީގެ ހަނގުރާމަ މަތީ މަނަވަރުކަމަށްވާ "އައިއެންއެސް ކޮޗީ" ރާއްޖޭގައި މަޑުކޮށްފި އެވެ.
މި މަނަވަރު މިވަގުތު ވަނީ މާލޭ ވިޔަފާރި ބަނދަރުގައި ބަނދަރުކޮށްފަ އެވެ.
މި ދަތުރަކީ އިންޑިއާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި "ސީޖީއެސް ހުރަވީ" މަރާމާތުކުރުމަށްފަހު ރާއްޖެ ގެނައުމަށް ކުރި ދަތުރެކެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވަނީ މި ދަތުރަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ހާރިޖީ އަދި ސަލާމަތީ ގުޅުމުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
އައިއެންއެސް ކޮޗީގެ ކޮމާންޑިން އޮފިސަރު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ކޯސްޓްގާޑާއި ސިފައިންގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. އަދި އިއްޔެ ހުޅުމާލޭ ބަނދަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވަނީ މަރާމާތުކުރި ސީޖީއެސް ހުރަވީ އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
އައިއެންއެސް ކޮޗީ އަކީ ކޮލްކަތާ ކްލާހުގެ ޑިސްޓްރޯޔަރެކެވެ. މި މަނަވަރަކީ 164 މީޓަރުގެ ދިގުމިނާއި 30 ނޮޓުގެ ބާރުމިނުގައި ދުއްވޭ އުޅަނދެކެވެ. މީގެ އިތުރުން މި މަނަވަރުގައި 390 ސިފައިން އުފުލޭނެ އެވެ. މި މަނަވަރު ބޭނުންކުރަން ފެށިތާ މިހާރު ވަނީ 16 އަހަރު ވެފަ އެވެ.