މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާތަކުގައި ރަށްރަށުގައި ތިބި އެމްޑީޕީގެ ޒުވާން ސަޕޯޓަރުން ބައިވެރިވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ހޮވާފައިވާ ލީޑާޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރްއާރްޓީ) އިން އެދިގެން ބޭއްވި ކުއްލި ބައްދަލުވުމުގައި ޒުވާނުންގެ މުޒާހަރާއަށް ސަރުކާރުން ހުރަސްއަޅާކަން ފާހަގަކޮށް އެކަން ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ރަށްރަށުގައި ތިބި އެ ޕާޓީގެ ޒުވާން ސަޕޯޓަރުން މިހާރު ޒުވާނުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހައްގުތައް ހޯދާ ކަމަށްވަންޏާ ޕާޓީއަކުން ކުރި ކަމުގައިވިޔަސް، ވަކިވަކި ފަރުދުން ކުރި ކަމުގައިވިޔަސް ކޮންމެ ކަމަކީ ވެސް ސިޔާސީ ކަންކަން. ޒުވާނުންގެ މި ހަރަކާތަކީ ސިޔާސީ ޕާޓީއަކުން ހިންގާ ކަމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.

ޒުވާނުންގެ މުޒާހަރާއަށް އެމްޑީޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ޒުވާނުންގެ މުޒާހަރާއިން ރޭ ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފަ އެވެ.

އެ ޕާޓީން ވަނީ އެއްވެސް ޝަރުތަކާ ނުލައި އެ ދެ މީހުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.