ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ގޮތެއް ނިންމުމަށް ހަމަޖެހިއްޖެ އެވެ.
އެގޮތުން ޖޭއެސްސީން މިއަދުގެ މެންދުރު 2:00 ގައި ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ދެ ފަނޑިޔާރުންނާ މެދު ތުހުމަތު ކުރެވެނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށެވެ. މި މައްސަލަ ބެލި ޖޭއެސްސީގެ ކުޑަ ކޮމިޓީން ވަނީ މި ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް ނިންމާފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ މުޙައްމަދު ނާސިޙް، ޔަޒްމީދު މުހައްމަދު އަދި އަލީ އަބްދުއްލަތީފެވެ.
މި މައްސަލަ ފެށުނުއިރު އޮތް ތުހުމަތާއި ކޮމިޓީން މައްސަލަ ނިންމިއިރު އޮތް ތުހުމަތު ތަފާތުވެފައިވާ ކަމަށް ފަނޑިޔާރުންގެ ވަކީލުން ބުނެފައިވެ އެވެ. އަދި ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައިނުގަތުމަށް ވެސް ކޮމިޓީން ނިންމާފައިވާކަން ފާހަގަކޮށްލެވެ އެވެ.
މި ދެ ފަނޑިޔާރުން ސަސްޕެންޑް ކުރެވިފައިވާތާ 60 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ ޖޭއެސްސީގެ އާންމު އުސޫލުތަކާ ޚިލާފު ދިގު މުއްދަތެކެވެ. ޖޭއެސްސީން މިއަދު މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފިނަމަ، މި މައްސަލަ ދެން ދާނީ ރައްޔިތުންގެ މަޖިލީހަށެވެ.