އިނގިރޭސި ވިލާތުން އެންމެ ފަހުން ބަލި ގަބޫލުކޮށް މަޝްހޫރު "ކޮހިނޫރު" އިންޑިއާއަށް ދޭން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އިނގިރޭސި ވިލާތާއި އިންޑިއާއާ ދެމެދު ސަގާފީ ތަކެތި ބަދަލު ކުރުމުގެ މަޝްވަރާތަކެއް ފަށާފައިވާ ކަމަށެވެ.
އެހެން ކަމުން ކޮހިނޫރުގެ މިލްކުވެރިކަމުގައި އިންޑިއާ ހިމަނަން އިނގިރޭސި ވިލާތުން ނިންމާފާނެ ކަަމަށް ދެގައުމުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
108 ކެރެޓްގެ އަގުހުރި ޖަވާހިރެއް ކަމަށްވާ "ކޮހިނޫރު"އަކީ 1849 ވަނަ އަހަރު އޭރު އިނގިރޭސި ތަޚުތުގައި އިންނެވި ރާނީ ވިކްޓޯރިއާއަށް އިންޑިއާގެ ރަސްކަލެއް ކަމަށް ޑުލީޕް ސިންހް ހަދިޔާ ކުރެއްވެވި ޖަވާހިރެކެވެ.
އެއަށްފަހު އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ އެކި މުނާސަބަތުތަކުގައި ކޮހިނޫރު ބޭނުން ކޮށްފައިވެ އެވެ. އެންމެ ފާހަގަ ކޮށްލެވެނީ ރާނީ ވިކްޓޯރިއާގެ ރަނިކަމުގެ ތާޖުގައި ކޮހިނޫރު ބޭނުން ކުރެވިފައިވާ ކަމެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ވެސް އިންޑިއާއިން ވަނީ ކޮހިނޫރުގެ މިލްކުވެރިކަން ހޯދަން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެއީ އިނގިރޭސި ވިލާތުން ވަގަށްނެގި އެއްޗެއް ކަމަށް ވެސް އިންޑިއާގެ ބައެއް މީހުން ތުހުމަތު ކުރެ އެވެ.