ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާ ގުޅިގެން ޝޭޚް މުހައްމަދު އިޔާޒް، ރައީސް ޑރ.މުހައްމަދު މުޢިއްޒަށް އަމާޒުކޮށް އިންޒާރުގެ ބަސްތަކެއް ވިދާޅުވެއްޖެ އެވެ.

ޝޭޚް އިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދުނިޔޭގެ ބާރުގަދަވެރިން ކަމުގައިވާ ފިރްޢައުނާއި ޤާރޫނު އަދި ނަމްރޫދު ފަދަ ފަރާތްތަކުގެ ނިމުން އައި ގޮތް ދިރާސާކޮށް ޢިބްރަތް ޙާޞިލްކުރުމަށް ގޮވާލެއްވި އެވެ. އަދި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން ތާއަބަދު ހުންނެވިދާނެ ކަމަށް ހީފުޅު ނުކުރެއްވުމަށް އިންޒާރު ދެއްވާފައިވެ އެވެ.

"ވެރިކަމުގެ ދައުރު ހަމަކުރެއްވުމަށްފަހު ޢުމުރުގެ ބާކީބައި ޖަލުގޮޅީގައި ހޭދަކުރައްވަން ޖެހިވަޑައިގެންފާނެފަދަ ޢަމަލުތައް ތަކްރާރު ނުކުރައްވާ ޙައްޤަށް ރުޖޫޢަވެވަޑައިގަންނަވާށެވެ،" ޝޭޚް އިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިތުރަށް އަނިޔާވެރިނުވެ ރީތި ގޮތުގައި ރައީސް މުޢިއްޒު އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ބަހަށް ތާއީދު ކުރައްވައި، އިޔާޒް ވަނީ، ޤާނޫނު އަސާސީއާ ޚިލާފަށް ފަނޑިޔާރުން ވަކިކުރުމަކީ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށްކަމަށްވުމުގެ ސަބަބަށްޓަކައިވެސް ރައީސް މުޢިއްޒު ވަކިކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަކިކުރާ ދެފަނޑިޔާރުންގެ ކުށަކީ ރައީސް މުޢިއްޒު ބުނިހާ ގޮތަކަށް ނުހެދުން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.