އިންޑިއާއިން ޕާކިސްތާނަށް އަމާޒުކޮށް ފެށި "އޮޕަރޭޝަން ސިންދޫރު" އާއެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް އިންޑިއާގެ އަސްކަރިއްޔާއަށް ތައުރީފު އޮއްސާލައިފި އެވެ.

އަންގާރަ ދުވަހު ރޭ ދަންވަރު އިންޑިއާގެ އަސްކަރިއްޔާއިން ޕާކިސްތާނުގެ ނުވަ ސަރަހައްދަކަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާއިރު މިއީ މީގެ ދެ ހަފްތާ ކުރިން ޕާކިސްތާނުން އިންޑިއާގެ ޕަހަލްގަމްއަށް ދިން ހަމަލާގެ ރައްދެއް ކަމަށް އެގައުމުން ބުނެ އެވެ.

އިންޑިއާ އަސްކަރިއްޔާގެ މި އޮޕަރޭޝަނަށް "އޮޕަރޭޝަން ސިންދޫރު"ގެ ނަމުން ނަން ދީފައިވާއިރު މިއީ ޕަހަލްގަމްއަށް ދިން ހަމަލާގައި ފިރިން ގެއްލުނު އަންހެނުންނަށް ހާއްސަކޮށް ދިން ނަމެކެވެ. ސިންދޫރަކީ އިންޑިއާގައި ކައިވެނި ކޮށްގެން އުޅޭ އަންހެނުން ބޭނުންކުރާ އެއްޗެކެވެ.

"އޮޕަރޭޝަން ސިންދޫރު"ގެ ކާމިޔާބީއާއެކު ރަޖްނީކާންތު، އައްލޫ އަރުޖުން، އަކްޝޭ ކުމާރު، ސުނިލް ޝެޓީ އަދި ކަންގަނާ ރަނޯޓް ފަދަ ތަރިން ވަނީ އަސްކަރިއްޔާއަށް ތައުރީފް ކޮށްފަ އެވެ. އެގޮތުން އިންޑިއާގެ އަސްކަރިއްޔާއާމެދު ފަޚުުރުވެރިވާ ކަމަށާއި ޓެރަރިޒަމްއަށް އެ ގައުމުގައި އެއްވެސް ޖާގައެއް ނެތް ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި 26 މީހުން މަރުވެފައިވާއިރު ޕާކިސްތާނުގެ ކަޝްމީރު ސަރަހައްދުގައި އުޅޭ ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ކުރިއަށް ވެސް އެ ގައުމުގެ ހަމަލާތަކެއް ޕާކިސްތާނަށް އަމާޒުވެދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.