އެހެން ކޮންމެ ދިވެއްސަކަށް ވެސް ރާއްޖެއިން ހައްގުތަކާއި ފުރުސަތުތައް ތެލެސީމިއާ ކުދިންނަށް ވެސް ލިބިދެވޭނެކަން އަމަލާ ބަހުން ސާބިތުކޮށްދޭން ޖެހޭކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ އެމަނިކުފާނުގެ ހެޔޮ ދުއާތަކާއި، ހިތުގެ އިހްލާސްތެރި ކުލުނާއި ލޯބި ވަނީ، ތެލަސީމިއާގެ އުނދަގޫތައް ތަހައްމަލު ކުރަމުންދާ ކުދީންނާއި އާއިލާތަކާ އެކު ކަމަށެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު، ތެލަސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި، ތެލަސީމިއާ ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކު ވެސް ދުވާލާއި ރޭގަނޑު ވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާނެ ކަމަށާއި ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، އެ ކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.
"ހަމައެކަނި ފަރުވާއެއް ނޫނެވެ. އެކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހެ އެވެ." ރައީސް މުއިއްޒުގެ ހިތާބުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ތެލަސީމިއާ ކުދީންނަށްޓަކައި ހާމަކުރި ތަސައްވުރާއި، ވީ ވައުދުތައް ހަގީގަތަކަށް ހައްދަވައިދޭނެ ކަމަށާ ތެލަސީމިއާ ކުދީންނާއި އާއިލާތަކާއި ސީދާ ބައްދަލުވެ، އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައި އޮތް ކަންކަން ހަމަމަގަށް އަޅުވަން، ކުރަމުންދާ މަސައްކަތުން، މިކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިއާއެކު ރައީސް މުއިއްޒު ވަނީ ތެލަސީމިއާގެ އުނދަގޫ ތަހައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށް އިލްތިމާސް ކުރައްވާ، އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްގީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިހްސާސްތަކާއެކު އެ ކުދީންނާ މުއާމަލާތު ކުރުމަށާއި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.