ޕާކިސްތާނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާދޭން އިންޑިޔާއިން ފޮނުވައިލި 25 ޑްރޯން މިހާތަނަށް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިންޑިއާއިން ޕާކިސްތާނަށް ފޮނުވައިލި ޑްރޯންތައް ޕާކިސްތާނުގެ އެކި ހިސާބުތަކުން ވައްޓާލާފައިވާ ކަން ހާމަކޮށްފައި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަ ޖެނެރަލް އަހުމަދު ޝަރީފް ޗައުދްރީ އެވެ.
އޭނާ ވިދާޅުވީ އޭގެ ބައެއް ޑްރޯނުތައް ވައްޓާލާފައިވަނީ ލާހޯރު އަދި ކަރާޗީ ފަދަ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ކަމަށާއި ޑްރޯންތައް ވައްޓައިލުމުގެ ތެރޭގައި ޢާންމުންގެ މީހަކު މަރުވެފައިވާ ކަން ވެސް އޭނާ ވަނީ ހާމަކުރައްވައިފަ އެވެ.
އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އިންޑިޔާއިން ދަނީ ހުއްޓުމެއްނެތި ޙަމަލާދޭން ޑްރޯންތައް ފޮނުވަމުން ކަމަށާއި، ނަމަވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދަނީ ރައްދުގައި އެ ޑްރޯންތައް ވައްޓައިލަމުންނެވެ.
ފާއިތުވި އަހަރުތަކުގެ އިންޑިޔާއިން ވަނީ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ޑްރޯނާއި މިސައިލާއި ރާޑަރު ފަދަ ބަރު ހަތިޔާރު، ޔަހޫދީން އަތުން ގަނެފަ އެވެ.
ނިއުކްލިއާ ހަތިޔާރުގެ ޤާބިލުކަން ހޯދައިފައިވާ އިންޑިޔާއާއި ޕާކިސްތާނުން ބަރުހަތިޔާރު ބޭނުންކޮށްގެން ހަމަލާބަދަލުކުރަން ފެށީ އިންޑިއާއިން ޕާކިސްތާނަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިޔާއިން ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ހަމަލާ ދިނީ އިންޑިއާގެ ކަޝްމީރުގައި އޭޕްރިލް 22ވަނަ ދުވަހު ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރުވުމުން ކަމަށެވެ.
އެ ހަމަލާތަކުގެ ފަހަތުގައި ތިބީ ޕާކިސްތާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ނިރުބަވެރިން ކަމުގައި އިންޑިއާއިން ތުހުމަތު ކުރެއެވެ.
އިންޑިއާގެ މިސައިލް ހަމަލާތައް ޢަމާޒުކޮށްފައި ވަނީ ހަނގުރާމަވެރިންގެ މަގާމުތަކަށް ކަމަށް އެ ގައުމުން ބުނި ނަމަވެސް އެ ހަމަލާތަކުގައި މަރުވެފައި ވަނީ އާންމުން ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. އެ ގޮތުން އެ ހަމަލާތަކުގައި 26 މީހުން މަރުވެ 46 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެ އެވެ.