ޖުވާއަށް މަގުފަހިވާ ކަމަށް ބުނެ އަވަށްޓެރި އަފްޣާނިސްތާނުގެ ރައްޔިތުން ރާޒުވާ ކުޅުން އެގައުމުގެ ވެރިކަންކުރާ ތާލިބާނުން މަނާކޮށްފި އެވެ.

ތާލިބާނުންގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ އިތުރަށް އަންގަންދެން އެގައުމުގެ އެއްވެސް ސަރަހައްދެއްގައި ރާޒުވާ ކުޅުން މަނާ ކުރެވިފައިވާ ކަމަށެވެ.

މި ނިންމުމަކީ އަފްޣާނިސްތާނުގެ "މޯރަލިޓީ ގާނޫނު"ގެ ދަށުން ޖުވާ ކުޅުމަކީ މަނާ ކަމެއް ކަމުގައިވާތީ ނިންމި ނިންމުމެއް ކަމަށް ބުނެވެ އެވެ.

2021 ވަނަ އަހަރު ވެރިކަމަށް އިސްވި ފަހުން ތާލިބާނުން ވަނީ އެގައުމުގައި އިސްލާމީ ޝަރީއަތުގައިވާ ގިނަ ކަންކަން ތަންފީޒު ކުރަން ފަށާފަ އެވެ.

އެގައުމުން އިތުރަށް ބުނީ ރާޒުވާއަކީ ދީނީ ހިލާފުވުންތަކެއް އެކުޅިވަރުގައި ހިމެނޭ ކުޅިވަރެއް ކަމަށާއި އެހެން ކަމުން އެ ޚިލާފުވުންތައް އޮޅުން ފިލަންދެން އެ ކުޅިވަރު މަނާކުރީ ކަމަށެވެ.

މީގެ ކުރިން ވެސް ތާލިބާނުން ވަނީ މާ އަނިޔާވެރި ކަމަށް ބުނެ އަފްޣާނިސްތާނުގައި މާޝަލް އާޓްސް ފަދަ ކުޅިވަރުތައް ވެސް މަނާކޮށްފަ އެވެ.