ޔޫކްރެއިން މަތިން ދަތުރުކުރަނިކޮށް، މެލޭޝިއާ އެއާލައިންގެ އެމްއެޗް 17 ވެއްޓުމުގެ ޒިންމާ ރަޝިއާއިން ނަގަންޖެހޭ ކަން އދ. ގެ އޭވިއޭޝަން އެޖެންސީން ކުރި ތަހުގީގުން ހާމަވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ޒިންމާ ނަގަން ނުޖެހޭ ކަމަށް ރަޝިއާއިން އަބަދުވެސް ބުނަމުން އައި ނަމަވެސް، އދ. ގެ އިންޓަނޭޝަނަލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) ގެ ކައުންސިލުން ވަނީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދާ ބެހޭ ގާނޫނުގައި ބަޔާންކުރާ، އެއްވެސް އާއްމު މަތިންދާބޯޓަކާއި ދެކޮޅަށް ހަތިޔާރު ބޭނުންކުރުން މަނާކުރާ މާއްދާއާއި ހިލާފުވާކަމަށް ކަނޑައަޅާފަ އެވެ.

އެއާއެކު އެ ކައުންސިލުން ވަނީ ރަޝިއާއިން މި ހާދިސާގެ ޒިންމާ ނަގަންޖެހޭ ކަމަށް ވެސް ނިންމައިފަ އެވެ.

ޖުލައި 2014 ގައި އަމްސަޓަޑަމް އިން ކުއަލަމްޕޫރަށް ދަތުރުކުރަމުން ދިޔަ ބޯޓު ވެއްޓި، އެ ބޯޓުން ދަތުރުކުރި 298 މީހުން މަރުވެފައި ވަނީ ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ހިނގި ހަމަނުޖެހުމުގައި ރަޝިއާއިން އުފެއްދި މިސައިލެއްގެ ހަމަލާ ބޯޓަށް އަމާޒުވެ ބޯޓު ވެއްޓުމާ ގުޅިގެންނެވެ.

މި ބޯޓުގައި 196 ނެދަލެންޑް ރައްޔިތުންނާއި އޮސްޓްރޭލިއާގެ 38 ރައްޔިތުންގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ ރައްޔިތުން ވެސް ދަތުރުކުރި އެވެ.

މި މައްސަލަ އދ. އަށް 2022 ވަނަ އަހަރު ހުށަހެޅީ އޮސްޓްރޭލިއާ އާއި ނެދަލެންޑްގެ ސަރުކާރުންނެވެ. އދ. އިން މި ހާދިސާ އަށް ރަޝިއާއިން ޒިންމާވާން ޖެހޭކަމަށް ނިންމުމާއެކު ދެ ގައުމުން ވެސް ވަނީ އެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.