އުމްރާގެ އަޅުކަމަށް ދިއުމަށް ފައިސާ ދެއްކި ބަޔަކު އުމްރާއަށް ނުގެންދިޔަ މައްސަލައިގައި އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް، 130000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެ ގްރޫޕަށް ފައިސާ ދެއްކި ބަޔަކަށް އުމްރާއަށް ނުދެވި، ގްރޫޕުން އެމީހުންނަށް އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ މާޗު މަހު ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ބަޔަކު ބުނީ ދިމާވި މައްސަލައެއްގެ ސަބަބުން ފައިސާ ދައްކައިފައިވާ އުމްރާ ދަތުރު ކުރެވެން ނެތް ކަމަށް މިދިޔަ ރޯދަ މަހުގެ ހަވަނަ ދުވަހުގެރޭ އަސްކޮއި އިން އެންގިކަމަށެވެ. އަދި އެ މީހުން އުމްރާއަށްދާން ދެއްކި ފައިސާ އަނބުރާ ދެވޭނީ މިދިޔަ އޭޕްރީލް މަހުގެ 15ގައި ކަމަށާއި އުމްރާއަށް ދިއުމަށް ދައްކާފައިވާ 252,000 ރުފިޔާ އަނބުރާ ދީފައި ނުވާކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އެމައްސަލަ ބެލުމަށްފަހު މިއަދު ވަނީ އަސްކޮއި 130،000 ރުފިޔާއިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފަ އެވެ.

މި ފަކަށްއައިސް ރާއްޖޭގައި ބައެއް އުމްރާ ގްރޫޕްތަކުން މީހުން އަތުން ފައިސާ ނެގުމަށްފަހު އުމުރާއަށް ނުގެންދިއުމާއި، ގެންދިޔުމަށްފަހު އުމްރާވެރިން ގްރޫޕްގެ އިހުމާލުން ރާއްޖެ ނާދެވުންފަދަ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ގެންދަނީ އެފަދަ ގްރޫޕްތަކަށް ފިޔަވަޅުއަޅަމުންނެވެ.