ސަރުކާރު ހިންގާ ޕީއެންސީގެ ކުރީ ސަފުގައި "ވަގުން"ގެ ޓެގް އެޅިފައިވާ ގިނަ ބަޔަކު ފެނިގެން ދިއުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ،
ގިނަ ދުވަސްތަކަކަށްފަހު ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމެއް ރޭ ބޭއްވި އިރު، އެންމެ ކުރީ ސަފުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވި މަގާމުތަކުންން ވަކޮށްފައިވާ ބައެއް ބޭފުޅުން ވަނީ ފެނިގެން ގޮސްފަ އެވެ.
އެގޮތުން "ބިންވެރިޔާ" ސްކީމްގެ ދަށުން އަމިއްލަ ބޭބެއަށް ނުލިބޭ ގޯއްޗެއް ދިން މައްސަލައިގައި ތުހުމަތުކުރެވޭ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ފެށުމުން އިސްތިއުފާ ދެއްވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހެއިލް ވަނީ ފެނިގެން ގޮސްފަ އެވެ.
ފަޒުލްގެ މައްސަލަ މިހާރު ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ސުހައިލްއަށް ކުރަނީ އެފްއެސްއެމްއިން ވިއްކާ ތެލުން އޭނާއަށް ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ފިޔަވަޅު އެޅިނަމަވެސް ސުހައިލް އަށް ދިނީ އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު ވެސް ވަނީ ޕީއެންސީގެ ބައްދަލުވުމުން ފެނިފަ އެވެ. އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސްގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާއިރު، އެކަމުގެ ތުހުމަތު ކުރެވޭ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވެސް ވަނީ ބައްދަލުވުމުގައި ވާހަކަދައްކާފަ އެވެ.
މީގެ ތިން މަސްކުރިން އެމްޕީއެލްގެ ސީއީއޯގެ މަގާމުން ވަކިކުރި މުހައްމަދު ވަޖީހު އިބްރާހީމް ވެސް ރޭގެ ޖަލްސާއިން ފެނިފައިވެ އެވެ. ވަޖީހުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި ދިނުމަށް އެދި އެމްޕީއެލްގެ މިހާރުގެ މެނޭޖްމަންޓުން އޭސީސީއަށް ހުށަހަޅާފައިވާކަން އިތުބާރުހުރި މަސްދަރަކުން "ހުރިހާ" އަށް ވަނީ އެނގިފަ އެވެ. އަދި މަގާމުން ވަކިކުރުމާއެކު މާލޭގައި ބޮޑެތި ފިހާރަތަކެއް ހުޅުވައި ވަޖީހު ގެންދަވަނީ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންނެވެ.
މިއާއެކު ގިނަ ބަޔަކު ދަނީ ޕީއެންސީން ކޮރަޕްޝަނަށް ހިތްވަރުދޭ ކަަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އެއްވެސް އިސްވެރިއަކަށް މިހާތަނަށް ފިޔަވަޅު އަޅާފައިނު ވެއެވެ.