އެސްޓީއޯގެ ހިއްސާދާރުންގެ ޝަކުވާތަކެއް އެ ކުންފުނީގެ އަހަރީ އާއްމު ބައްދަލުވުމުގައި އޮއްސާލައިފި އެވެ.

އެސްޓީއޯއިން ރޭގައި ބޭއްވި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހާލަތު ހުރި ގޮތުގެ ވާހަކަދައްކަމުން އެ ކުންފުނީގައި ވެހިކަލްތަކަށް ޕެޓްރޯލް އަޅާ މެޝިންތައް ހުރީ ބާވެފައި ކަމަށާއި އެކަމަށް ޒަމާނީ މެޝިންތަކެއް ބޭނުންވާ ކަން ފާހަގަކޮށްފަ އެވެ. އަދި ހުޅުމާލޭގައި ޕެޓްރޯލް އަޅަން ކައިރިކުރާ ޖެޓީ ސަރަހައްދުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ރިސޯޓްތަކުގެ ލޯންޗުތަކާއި ބޮޑެތި އުޅަނދު ފަހަރަށް ޖާގަ ނުލިބުމުގެ ސަބަބުން އަނބުރާލާފައި ދާން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އެސްޓީއޯ އިން ރޭ ބޭއްވި އޭޖީއެމްގައި އެ ކުންފުނީގެ ހިއްސާދާރަކު ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

"އެއީ ކުންފުންޏަށް ވެސް ލިބޭ ވަރަށް ބޮޑު ވިޔަފާރީގެ ގެއްލުމެއްކަން އަޅުގަނޑު ފާހަގަކުރަން. ދެ ބާޖު ފިޔަވާ ދެން މިއޮތީ ވަރަށް ދުވަސްވެފައި އޮތް ބާޖުތަކެއް. އަޅުގަނޑަށް ފެންނަ އެއްޗެހީގެ ވާހަކަ އިނގޭތޯ މި ދައްކަނީ،" އެ ޖަލްސާގައި ހިއްސާދާރަކު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް މަސްވެރިންނަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް އެއްވެސް ދަތިކަމެއް ނެތި އެސްޓީއޯގެ ތެޔޮލިބޭނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާކަން ފާހަގަކޮށް ހިއްސާދާރުން ބުނީ އިންސާނީ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިތުރު ވެހިކަލްތައް ވެސް ބޭނުންވާއިރު އެފްއެސްއެމްގެ މުއައްޒަފުން ތިބުމަށްޓަކައި ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށާއި އެއީ މިހާރުން މިހާރަށް ހައްލުކުރަން ޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ހިއްސާދާރަކު ވަނީ މީގެ 5 ވަރަކަށް އަހަރު ކުރިން އެމްޕީއެލް އާއި މޯލްޑިވް ގޭސްގެ ސްޓާފުންތަކެއް ހިންގި 28 މިލިއަން ރުފިޔާގެ ތެލުގެ ވަގު ވިޔަފާރި އާއި ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ. އޭނާ ވަނީ އެކަމުގައި ބައިވެރިވި ބައުޒަރު ދުއްވާ ބިދޭސީ މީހާ، އެޕާޓްމަންޓެއް ކުއްޔަށް ހިފައި ހުރިހާ ހަރަދެއްކޮށްފައި ދާއިރު، އޭނާގެ ކޮއްކޮ ދޯންޏެއްގައި ތެލުގެ ވިޔަފާރި ކުރަމުންދާއިރު އެއީ ކިހިނެއް ހިނގަމުންދާ ކަމެއްތޯ އާއި ޑްރައިވަރަށް އެވަރުގެ މުއްސަދިކަމެއް ލިބުނީ ކިހިނެއްތޯ ވަނީ ސުވާލުކުރައްވާފަ އެވެ.

އެސްޓީއޯ އިން ރޭ ބޭއްވި އޭޖީއެމްގައި އެ ކުންފުނީގެ ހިއްސާދާރަކު ސުވާލުކުރަނީ. ފޮޓޯ: އެސްޓީއޯ

މި ސުވާލުގެ ޖަވާބުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވީ މައްސަލަ މިހާރު އޭސީސީން ބަލަމުންދާ ކަމަށެވެ.

މި ހިއްސާދާރު ވަނީ މީގެ އިތުރުން ވެސް އެފްއެސްއެމަށް 24 އަހަރު ފުރިގެންދާއިރުގައި މިސްރުން ފުރައިގެން އައި 24 މިލިއަން ރުފިޔާގެ ދެ ބާޖު މިހާރުވީ ތަނެއް ނޭނގޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ޝިމާދު ވިދާޅުވީ މީގެ ކުރިން ވެސް އެ ސުވާލުކުރި ކަމަށާއި އެ ބާޖުތައް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ވެސް އެސްޓީއޯއިން ހުޅުމާލޭގައި ހަދަމުން ދިޔަ ހޮޓެލް އަގަށް ބަދަލުކުރެވިގެން ދިޔައިރުގައި ހުޅުމާލެއިން އެސްޓީއޯއަށް ލިބެނީ ކިތައް އަކަފޫޓުގެ ބިމެއްތޯ ސުވާލުކުރައްވާފަ އެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ ގާތްގަނޑަކަށް 40،000 އަކަފޫޓުގެ ބިން ހުޅުމާލެ 3 ވަނަ ފިޔަވަހިން ލިބޭ ކަމަށެވެ.

އެސްޓީއޯ އިން މެއި 17 ގައި ބޭއްވި އޭޖީއެމްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ހިއްސާދާރަކާ ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

"ހުޅުމާލޭގެ ބިންތައް އޮތީ ވަރަށް ބޮޑަށް ކޮންޖެސްޓްވެފައި. އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 40 ހާހަށް ވުރެ މަދުނުވާވަރުގެ ބިން ހުޅުމާލެ ފޭސް 3 އިން،" ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯ އިން މިފަހަރު ނިންމާފައިވަނީ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށެވެ. މިއީ އާއްމު ހިއްސާދާރުންނަށް ލިބުނު 17 މިލިއަންއިންނެވެ. ބާކީ 73 މިލިއަން ރުފިޔާ ލިބޭނީ އެސްޓީއޯގެ މައި ހިއްސާދާރު ކަމަށްވާ ސަރުކާރަށެވެ.