ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގުޅީފަޅު ރައްޔިތުންގެ ޖަމިއްޔާއާ މަޝްވަރާ ކުރެވުނު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޢަބްދުﷲ މުއްތަލިބު ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާއާ ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ގުޅީފަޅު ރައްޔިތުންގެ ޖަމިއްޔާއިން ބުނެފައިވަނީ މިނިސްޓަރު އެ ޖަމިއްޔާއާ މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ.

"މުއްތަލިބު އަޅުގަނޑުމެންނާ މަޝްވަރާއެއް ނޫން ކުރީ. ލޭންޑް ޔޫސް ޕްލޭން ގެޒެޓް ކޮށްފައި މިކަން މިހެންނޭ މިއޮތީ ނިމިފައި، މިކަހަލަ ބީދައަކުން ކުރިޔަށް ދިޔަ ކަމެއް މިއީ،" އެ ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. މި ބަދަލުގެ ބޭނުމަކީ މިހާރު ވެސް ހިއްކާފައި އޮތް ތަނުން ގޯތި ދިނުމަށްފަހު އަވަހަށް ރަޖިސްޓްރީ ދޫކުރުން ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވެ އެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައިވަނީ 3،670 ގޯއްޗެވެ. މީގެ ތެރޭގައި ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރި 1،337 ގޯތި ވެސް ހިމެނެ އެވެ. އެންމެ ފަހުން ގެނެވުނު ބަދަލާއެކު 90 ގޯތި އިތުރުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލު ހޯދުމަށް މިނިސްޓަރު މުއްތަލިބަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައި ނުވާކަން ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.