ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ)ގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފި އެވެ.
އެ އިއްތިހާދާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދާ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްގެ ހަވާސާގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފެވެ. ބްލޫ ޕްލެނެޓް އެލަޔަންސްގެ ފަރާތުން ސޮއިކުރެއްވީ އެ އިއްތިހާދުގެ ބާނީ، ހޭންކް ރޮޖާޒްއެވެ.
"ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރީމަންޓް" ގައި އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަމާއި ދެމެހެއްޓެނިވި ތަރައްގީގެ އޮނިގަނޑުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.
މި އެއްބަސްވުމުގައި، ބީޕީއޭގެ ރަސްމީ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ، އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ގޮވާލާފައިވެ އެވެ.
ނައިބު ރައީސް އެމެރިކާގެ ހަވާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ހަވާއީގައި މިހާރު ކުރިއަށްދާ ބީޕީއޭ ފެލޯޝިޕް ޕްރޮގްރާމްގައި ސަރުކާރުގެ އޮފީސްތަކާއި ޔުޓިލިޓީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެ އެވެ.