މި ހަފްތާގެ 10 ސުވާލު ސެގްމެންޓް ހާއްސަ ކޮށްލާފައިވާނީ އާޓްސްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުޅަދާނަ އާޓިސްޓް މުހައްމަދު ހައްމާދުއަށް. ހައްމާދުގެ ކުލަގަދަ ދިރިއުޅުމުގެ އުސްއަލިތައް މި ލިޔުމުން އެނގިގެންދާނެ.

1. އާޓްސްއަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

ޖަވާބު: ހަނދާން ހުންނަން ފެށީއްސުރެ ވެސް އާޓްސްއަށް ޝައުގުވެރިކަން ހުރޭ. އެންމެ ކުޑައިރުވެސް އެއްޗެހީގައި "ޑޫޑުލް" ކުރުމަކީ ލިބޭ އުފަލެއް. ދެން ސްކޫލް ހަރަކާތްތަކުގެ ތެރެއިން ވެސް އެ ޝައުގުވެރިކަން އިތުރުވި. ބޮޑުވަމުން އައި ވަރަކަށް އެއީ އަމިއްލަ އިހުސާސްތައް ބަޔާން ކޮށްދޭ ޒަރިއްޔާއަކަށް ވެގެން ދިޔަ.

2. އެންމެ ކުރަހާ ހިތްވަނީ ކޮންކަހަލަ ކުރެހުންތަކެއް؟

ޖަވާބު: އެންމެ ކުރަހާ ހިތްވަނީ ޑީޓެއިލްޑް ޑްރޮވިންގްސް. އެއީ ބަލާލަން ލޮލަށް ރީތިވެފައި އޭގެ ތެރެއަށް މީހާ ގެއްލޭތީ. އެއީ ހަގީގަތް ކުރެހުމެއްގެ ސިފައިގައި ގެނެސްދިނުން. އެހެންވެ އެއީ ވަރަށް ބުރަ މަސައްކަތެއް އަދި ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން.

3. ކުރެހުންތަކަށް އިންސްޕިރޭޝަން ހޯދަނީ ކިހިނެއް؟

ޖަވާބު: ކުރެހުންތަކަށް އިންސްޕިރޭޝަން ހޯދަނީ ކުރަހަން ބޭނުންވާ އެއްޗެއް ހިތަށް ގެނެސް އެކަމެއް ނުވަތަ އެއްޗަކާ ދޭތެރޭ ފުންކޮށް ވިސްނައިގެން. ބައެއް ފަހަރު ރީތި އެއްޗެއް ފެނުނީމަ ވެސް ވަރަށް ކުރަހާ ހިތްވޭ.

https://www.instagram.com/p/Cfl2LqWKCSY/?igsh=MWV5Nng3ZDNmZ3BmbQ==

4. ކުރަހާއިރު އެންމެ ސަމާލުކަން ދެނީ ކޮން ކަމަކަށް؟

ޖަވާބު: އެންމެ ސަމާލުކަން ދެވޭ ކަމަކީ އެ ކުރެހުމުން ބެލުންތެރިންނަށް އަންގައިދޭން ބޭނުންވާ މެސެޖު ރަނގަޅު ގޮތުގައި މީހުންނަށް ފޯރުކޮށްދިނުމަށް.

https://www.instagram.com/p/DJtWJgwxP_T/?igsh=MWJuMHpzOWwycngycA==

5. މިހާރު ކުރަމުން ދާ މަސައްކަތްތައް ކުޑަކޮށް ކިޔައިދީފާނަންތަ؟

ޖަވާބު: މިހާރު ބޮޑަށް މިއުޅެވެނީ ފިހާރައިގެ ކަންކަމުގައި. ދެ ސުވެނިއާ ފިހާރައެއް ހުޅުވައި އެތަންތަނުގައި ހޭންޑް ޕެއިންޓަޑް ސުވެނިއާސް އެބަ ވިއްކަން. އެއް ފިހާރަ ހުދުރަންފުށީގައި. އަނެއް ފިހާރަ ކްރޮސް ރޯޑްސްގައި. އިތުރަށް ވިޔަފާރި ފުޅާކުރަން ވެސް އެބަ ވިސްނަން.

6. މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ކޮބާ؟

ޖަވާބު: މިހާތަނަށް އެންމެ ހިތްހަމަޖެހޭ މަސައްކަތަކަށް ކުރެވުނީ 2021 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އަދަދު ނޫހުން ބޭއްވި އެގްޒިބިޝަންއަކަށް ކުރެހި "ފްރީޑަމް" ނަމަކަށް ކިޔާ ކުރެހުމެއް.

https://www.instagram.com/p/BnUTCKMlDht/?igsh=MXM0M2l6dmcycXVqbQ==

7. މި ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟

ޖަވާބު: މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެމްއޭސީއިން ބޭއްވި "އަންވެއިލިން ވިޝަންސް 2018" އާޓްސް އެގްޒިބިޝަންގެ "މޯސްޓް ވައިބްރަންޓް އާޓިސްޓްސް"ގެ ތެރޭގައި ހިމެނުން. ދެން ކުރިން ބުނި އަދަދުގެ އެގްޒިބިޝަނުން ވެސް އެއްވަނަ ލިބިފައިވޭ.

8. މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ދޭނެ މެސެޖަކީ ކޮބާ؟

ޖަވާބު: އަލަށް ވަންނަ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ މިއީ ވަރަށް ރަނގަޅު ދާއިރެކޭ ކުރިއަށް ދާން. ވަރަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭނެ ދާއިރާއެކޭ ރަނގަޅު ގޮތުގައި ކުރިއަށް ގޮސްފިއްޔާ.

https://www.instagram.com/p/CS1nNr-DHgo/?igsh=aXFjMTM0dHFkeTBy

9. މި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟

ޖަވާބު: އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިއަށްވުރެ ވެސް ގިނަ ޒުވާން ކުދިން މި ދާއިރާއަށް ވަދެ މި މަސައްކަތް އިތުރަށް ކުރިއަރާނެ ދުވަހެއް.

10. ހާއްސަ ފަރާތަކަށް ޝުކުރު އަދާކުރާ ނަމަ އެންމެ ބޮޑަށް ޝުކުރުއަދާ ކުރާނީ ކޮން ބަޔަކަށް؟

ޖަވާބު: އެންމެ ފުރަތަމަ ހެއްދެވި ފަރާތަށް. ދެން މައިންބަފައިންގެ އިތުރުން މިކަމުގައި އެއްބާރުލުުން ދޭ ހުރިހާ ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން.