"ބާން އައުޓް"އަކީ ވަޒީފާގެ މާހައުލުގައި މެދުނުކެނޑުމެއްނެތި ބުރަކޮށް ހަރަކާތްތެރި ވުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މީހާ ވަރުބަލިކޮށްލާ ހާލަތެކެވެ. އޮފީހުގެ މަސައްކަތުގެ ސަބަބުން މެދުކެނޑުމެއްނެތި ޖިސްމާނީ އަދި ނަފްސާނީ ވަރުބަލިކަން އިހްސާސް ކުރެވުމެވެ.

އެއީ މީހާގެ ނެތްވަރުން ހަކަތަ ނެރެ އޮފީސް މާހައުލުގެ ކަންކަމަށް "ގޮސް ހުސްވުމުން" ކުރިމަތިވާ ހާލަތެކެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަަމަށްވުރެ ވަޒީފާގެ ކަންކަން އިސް ކުރެވުމުން ވާ ގޮތެކެވެ.

ބާންއައުޓްއަކީ ރަނގަޅު ގޮތުގައި ފަރުވާ ނުކުރެވިއްޖެނަމަ އެކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ވެސް ދާއިމީ ގެއްލުން ލިބިދާނެ ކަމެއް ކަމުގައި ސައިންސްވެރިން ބުނެ އެވެ.

ބާން އައުޓް އަކަށް ފަރުވާވެ ތިބުން ވަރަށް މުހިއްމު

"ބާން އައުޓް"އެއްގެ އަލާމާތްތައް:

  • ނިދި މަދުވުން

ބާން އައުޓް ވުމުން ނިދަން އުނދަގޫވެދާނެ އެވެ. ނުވަތަ ނިދިއްޖެނަމަ ގިނައިރު ނިދަން އޮންނަން އުނދަގޫވެދާނެ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުން ވަރުބަލިކަން ނުފިލާ މީހާގެ މޫޑް ގޯސްވެ އެވެ. ގައިގައި ރިއްސުން ބޮލުގައި ރިއްސުމާއި, ގައިގައި ރިއްސުމަކީ ވެދާނެކަމެވެ. މައިގްރޭން މައްސަލަ ހުންނަ މީހުންނަށް ގިނައިން މައިގްރޭން އެޓޭކް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

  • ހަޖަމުގެ މައްސަލަތައް ކުރިމަތިވުން

ކެއުމުގެ ބަދަލުތަކަށް މާބޮޑު ބަދަލެއް ނައި ނަމަވެސް މޭ ނުބައި ކުރުމުގެ އިތުރުން ބަނޑު ހަރުވުމާއި ބަނޑު ދިޔާވުން ފަދަ ކަންކަމަކީ ވެސް ބާން އައުޓްއެއްގެ އަލާމާތްތަކެވެ.

އެކުގައި މަސައްކަތްކުރާ މީހުންނާ ދުރުވުން

ބާން އައުޓް ވާނަމަ އޮފީހުގައި މަސައްކަތްކުރާ އެހެން މީހުންނާ ދުރުވާން ބޭނުންވާނެ އެވެ. އަދި އެމީހުންނާ މެދު ގޯސްކޮށް ވިސްނެން ފަށާނެ އެވެ.

  • ކަންކަމަށް ދޭ ސަމާލުކަން ކުޑަވުން

ބާން އައުޓްއެއް ތަހައްމަލުކުރާ މީހެއްގެ ސިކުނޑީގެ މަސައްކަތް ލަސްވެ "ބްރެއިން ފޮގް" ވުމަކީ ވަރަށް އާންމުކަމެކެވެ. ބާން އައުޓްވަމުންދާ ވަރަކަށް ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ދާނީ ދަށްވަމުންނެވެ.

  • މަސައްކަތާއި ދޭތެރޭ ހިތްހަމަ ނުޖެހުން

ބާން އައުޓް ވަމުން ދާއިރު, ކުރެވޭ އެއްވެސް މަސައްކަތަކާއި ދޭތެރޭ ހިތްހަމައެއް ނުޖެހޭނެ އެވެ. މަސައްކަތް ފުރހަމަ ކުރެވުނު ކަމުގައި ވީނަމަވެސް އެކަމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭނެ އެވެ.

ބާން އައުޓް އަކަށް ފަރުވާވެ ތިބުން ވަރަށް މުހިއްމު

"ބާން އައުޓް" އަކުން ދުރުވާނީ ކިހިނެއް؟

  • އިތުރު މަސައްކަތަށް ނޫނެކޭ ބުނުން

އޮފީހުގައި ނުވަތަ ކުންފުނީގައި އިތުރު ގަޑީގެ މަސައްކަތް ނުވަތަ ތިބާގެ ޒިންމާތައް ފިޔަވައި އެހެން ކަންކަމާ ހަވާލުވުން ހުއްޓާލާށެވެ. އެއީ ތިބާގެ ސިކނޑިއަށް ދެވޭ އިތުރު ބުރައެކެވެ.

ނޭދެވޭ ހިޔާލުތަކާ ދުރުވުން

ވަޒީފާއާ ގުޅުންހުރި ނޭދެވޭ ހިޔާލުތައް ނުވަތަ "ނެގެޓިވް ތޯޓްސް"އާ ދުރުވުން ވަރަށް މުހިއްމެވެ. ކޮންމެ ކަމެއްގެ ވެސް ރަނގަޅު ގޮތް ނުވަތަ "ޕޮޒިޓިވް"އަށް ފަރުވާ ބަހައްޓާށެވެ.

  • ޖާނަލްއެއް ލިޔުން

ދުވަހުގެ ކަންތައް ރާވާލާފައިވާ ގޮތާއި އެ ދުވަހު ކުރެވުނު އިހުސާސްތައް ހިމެނޭހެން ފޮތެއް ލިޔަން ފަށާށެވެ. މިކަންކަން ރެކޯޑު ކުރެވުމަކީ ލިބޭނެ ފަސޭހަ އެކެވެ.

ގަވާއިދުން ޗުއްޓީ ނެގުން

ވަޒީފާގެ އަހަރު ނިމޭއިރު އަހަރީ ޗުއްޓީގެ ބާކީ ދުވަސްތައް ހުރިޔަ ނުދޭށެވެ. އަހަރީ ޗުއްޓީގެ 30 ދުވަސް މުޅި އަހަރަށް ބަހާލައި ގަވާއިދުން ޗުއްޓީ ނަގާ މަސައްކަތުން "ބްރޭކް"އެއް ނަގާށެވެ.

ބާންއައުޓް އަށް ފަރުވާ ނުކޮށްފިނަމަ ވާނީ ކިހިނެއް؟

ބާންއައުޓް އަށް ފަރުވާ ނުދެވިއްޖެނަމަ މީހާގެ ސިއްހަތުދާނީ މަޑުމަޑުން ދަށަށެވެ. އެއާއެކު ވަޒީފާގެ މާހައުލުގެ އިތުރުން އަމިއްލަ ދިރިއުޅުމުގައި ވެސް ނޭދެވޭ ގިނަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އޭގެ ތެރޭގައި

  • މަސައްކަތުގެ ފެންވަރު ދަށްވުން
  • އޮފީހަށް ސަލާމް ބުނުން ގިނަވުން
  • އޮފީހުގެ މާހައުލުގައި އެކަހެރިވުން
  • ޒާތީ ގުޅުންތަކަށް އަސަރު ކުރުން
  • ބަރުދަން އިތުރުވުން / ލުއިވުން
  • ދިފާއީ ނިޒާމު ބަލިކަށިވުން

އެހެން ކަމުން ބާންއައުޓްއަށް ފަރުވާވެ ތިބެ އެކަމުން ދުރުވުމަށް ކުރިއާލާ މަސައްކަތް ކުރުމަކީ ދުޅަހެޔޮ އަދި ހަށިހެޔޮ ދިރިއުޅުމަކަށް މުހިއްމު ކަމެކެވެ.