މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އަނެއްކާވެސް ފަސް ދުވަސް ޖަހައިފި އެވެ.

ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 20 ދުވަސް ޖަހާފައި ވަނިކޮށް އެ އަމުރު ރައުދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފު މައްސަލަކުރިއަށްދަނިކޮށް އިއްޔެ ކުއްލިގޮތަކަށް ރައުދު ވަނީ ދޫކޮށްލާފަ އެވެ.

އޭނާ ދޫކޮށްލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އެހެން އަމުރެއްގެ ދަށުން އަނެއްކާވެސް އޭނާ ހައްޔަރުކުރި އެވެ.

ބެލެވޭގޮތުގައި އާ އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ހައިކޯޓަށް ހުށަހެޅި މައްސަލަ ފުލުހުންނަށް ކާމިޔާބު ނުވާނެ ކަމަށް ބެލެވިގެންނެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފަ އެވެ. އެ ކޮމިޝަނުން މިހާރު އަންނަނީ ކަމާބެހޭ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު އެއްކުރަމުންނެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ތަހުގީގަށް ޔުމްނުގެ ބަޔާން ނަގަން ތަކުރާރުކޮށް ކުރި މަސައްކަތުން ވެސް އާއިލާގެ އެއްބާރުލުން ނުލިބޭތީ އެކަން ކާމިޔާބު ނުވި ކަމަށެވެ. އެހެންވެ މެލޭޝިޔާ ފުލުހުންގެ އެހީގައި ބަޔާން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.