ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތައް މި މަހުގެ ނިޔަލަށް ބަލައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ.
ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދޔަ އޭޕްރިލް މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4000 މީހުންގެ ތެރެއިން 2180 މީހުން ޝަރުތު ހަމަނުވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެފަދައިން ކަނޑައެޅުމުގައި ބައެއް މީހުން ހުށަހަޅާފައިވާ ހުށަހެޅުންތައް ރަނގަޅަށް ބަލާފައިނުވާ ކަމުގެ ގިނަ ޝަކުވާތަކެއް ވަނީ ލިބިފަ އެވެ.
ލިސްޓަށް ޝަކުވާގެ ގޮތުގައި ޕޯޓަލް މެދުވެރިކޮށް 5236 ޝަކުވާ ހުށަހަޅާފައިވެއެވެ. އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ ހުށައަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހެޅި އެވެ.
ބިންވެރިޔާ ސްކީމްގެ ފްލެޓްތައް ދިނުމުގެ އަސާސީ ޝަރުތަކީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވުމެވެ. އެކަން ސާބިތުކުރަން ކައުންސިލްތަކުން ދޫކޮށްފައިވާ ލިޔުންތައް ބަލައި ނުގަންނަން މި ސަރުކާރުން ނިންމި އެވެ. އެހެންވެ އެ ލިޔުން ހުށަހެޅި މީހުންނަށް އެކަން ސާބިތުކުރަން އިތުރު ކަންކަން ހުށަހަޅަން ފުރުސަތު ބޭނުންވެއެވެ. އެކަމަކު އެ ފުރުސަތު ނުދޭން މި ސަރުކާރުން ވަނީ ނިންމާފަ އެވެ. ގިނަ ބަޔަކު ޝަކުވާ ހުށަހެޅީ މިކަމާ ގުޅިގެންނެވެ.
ފްލެޓް ލިސްޓާ ގުޅޭގޮތުން 16 އަށްވުރެ ގިނަ މީހުން ވަނީ ސިވިލް ކޯޓުގައި ސަރުކާރާ ދެކޮޅަށް ދައުވާކޮށްފަ އެވެ.