އިންޑިއާއިން ބޭރުގައި ގިނަ ވަގުތު އުޅެން ޖެހުނު ނަމަވެސް "ހިތް އޮތީ ގޭގައި" ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ މި ބީދައިން ވާހަކަ ދައްކާފައިވަނީ މިފަހުން ނިމުނު ކޭންސް ފިލްމް ފެސްޓިވަލް ނިންމުމުގެ ހަފްލާގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި އާލިއާ ވަނީ އޭނާގެ ދަރިފުޅު ރަހާ ލިބުމަށްފަހު އޭނާގެ ބޮލީވުޑް މަސައްކަތްތަކަށް އައި ބަދަލުތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އާލިއާ ބުނީ ރަހާ ލިބުމަށްފަހު އޭނާގެ މަސައްކަތްތަކަށް އައި ބަދަލުތައް ކިޔައިދޭން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ކަންކަން ނިންމުމުގައި ކޮންމެވެސް ވަރަކަށް ޖަޒުބާތީވާ ކަމަށެވެ.

އެއާއެކު މަސައްކަތުގައި އުޅުނު ނަމަވެސް އޭނާއަށް އެކަނިވެރިކަން އިހުސާސްނުވާ ކަމަށާއި ގޭގައި ދަރިފުޅު އިންނަކަން އެނގޭތީ އޭނާގެ ހިތް އޮންނަނީ ގޭގައި ކަމަށް ވެސް އާލިއާ ބުންޏެވެ.

2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެކްޓަރު ރަންބީރު ކަޕޫރުއާ ކައިވެނިކުރި އާލިއާއަށް އޭނާގެ އަލަތު ދަރިފުޅު ރަހާ ލިބިފައިވަނީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ކޭންސް ފެސްޓިވަލްގައި މިއަހަރު އަލަށް ބައިވެރިވި އާލިއާގެ ރެޑް ކާޕެޓް ފެނިލުމަށް އިންޑިއާގެ ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.