ސައިންސްގެ އިންގިލާބީ އީޖާދެއްގެ ގޮތުގައި ޖަޕާނުގެ ސައިންސްވެރިންގެ ޓީމަކުން ލެބޯޓްރީއެއްގައި "އާޓިފިޝަލް" ލޭ އުފައްދައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ލެއަކީ ހުރިހާ ގްރޫޕެއްގެ ލޭ ހުންނަ މީހުންނަށް ވެސް ބޭނުން ކުރެވޭ، އަހަރުތަކަކަށް ރައްކާ ކުރެވޭނެ ގޮތަށް އުފައްދާފައިވާ ލެއެކެވެ.
މި ލޭ އުފައްދާފައިވަނީ އިންސާނުންގެ ހަށިގަނޑުން ނަގާފައިވާ ރެޑް ބްލަޑް ސެލްސް ލެބޯޓަރީގައި ޓެސްޓުކޮށް އެއަށް ސިންތެޓިކް ބޮކިތަކެއް އިތުރު ކޮށްގެންނެވެ.
އެހެން ކަމުން ހަށިގަނޑުގައި އޮކްސިޖަން ދައުރު ކޮށްދިނުން ފަދަ އަސްލު ލެއިން ކުރެވޭ ހުރިހާ ކަމެއް މި ލެއިން ވެސް ކުރެވޭނެ ކަމަށް ސައިންސްވެރިން ހާމަކުރެ އެވެ.
ސައިންސްވެރިންގެ މި އީޖާދު މިހާރު ވަނީ ކްލިނިކަލް ޓެސްޓިންގެ މަރުހަލާގައި ކަމަށް ސައިންސްވެރިންނާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.
"އާޓިފިޝަލް" ލޭ ބޭނުން ކުރުމުގެ ހުއްދަ ލިބިއްޖެ ނަމަ ސިއްހީ ކުއްލި ހާލަތްތަކުގައި އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތް ކޮށްދޭނެ ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.
ލޭ ލިބުން ދުވަހަކަށްވުރެ ދުވަހެއް އުނދަގޫ ވަމުން އަންނައިރު މިފަދަ އީޖާދަކީ ސިއްހީ ދާއިރާގެ މުސްތަގްބަލް އުޖާލާ ކޮށްދޭނެ އީޖާދެކެވެ.