އަލްޒައިމާ ނުވަތަ ހަނދާން ނެތޭ ބައްޔަށް ފަރުވާ ދިނުމަށް އުފެއްދި ބޭހެއް ބޭނުންކުރުމަށް އޮސްޓްރޭލިއާގެ މެޑިސިން ރެގިއުލޭޓާ އިން ހުއްދަ ދީފި އެވެ.

އޮސްޓްރޭލިއާގެ ތެރަޕިއުޓިކް ގުޑްސް އެޑްމިނިސްޓްރޭޝަން (ޓީޖީއޭ) އިން ހުއްދަ ދީފައިވާ "ޑޮނަނެމަބް" ކިޔާ މި ބޭހަކީ ކިސުންލާ ބްރޭންޑްގެ ދަށުން އެލި ލިލީ ކިޔާ ފާމަސޫޓިކަލް ކޮމްޕެނީ އަކުން ތަރައްގީކުރި ބޭހެކެވެ.

އަތަށް ގުޅާ އައިވީއެއް މެދުވެރިކޮށް 18 މަސް ތެރޭގައި ކޮންމެ ހަތަރު ހަފްތާއަކުން ދޭ މި ބޭހުގެ ސަބަބުން އަލްޒެއިމާ ބަލި ޖެހޭ ކަމަށް ދިރާސާވެރިން ލަފާކުރާ ސިކުނޑީގައި ހުންނަ ޕްރޮޓީންތައް ސާފުކޮށްދީ މި ބަލި އިތުރަށް ފެތުރުން ހުއްޓުވާލަ އެވެ.

މިއީ 25 އަހަރު ފަހުން އަލްޒެއިމާ އަށް ފަރުވާ ހޯދުނު ބޭހަށް ވާއިރު، މިއީ ބައްޔަށް ސީދާކޮށް ފަރުވާދެވޭ ބޭހެއް ކަމަށް އޮސްޓްރޭލިއާގެ ޑިމެންޝިއާ ނެޓްވޯކްގެ ޕްރޮފެސަރު ކްރޮސްޓޯފާ ރޯވް ވިދާޅުވި އެވެ. މިގޮތުން މީގެ 20 އަހަރު ކުރިން މި ބައްޔަށް ހޯދީ ބަލީގެ އަލާމާތްތައް ރަނގަޅުކުރާ ފަރުވާއަކަށްވާއިރު، އަލަށް މި ބައްޔަށް ހޯދި މި ބޭހުގެ ސަބަބުން ބަލި ފެތުރުން ވެސް 3 ބައިކުޅަ 1 ބައި ކުޑަކޮށްދޭ ކަމަށް ރޯވް ވިދާޅުވި އެވެ.

މި ބޭހުގެ ސަބަބުން ބަލިން އެއްކޮށް ރަނގަޅު ނުވި ނަމަވެސް ބަލި ފެތުރުން މަޑު ޖައްސާލާނެ އެވެ.

ބޭސް ބޭނުން ކުރަން ހުއްދަދިން ނަމަވެސް މި ބޭސް ބޭނުން ކުރެވޭނީ މި ބަލި ހުންނަ މީހުންގެ ތެރެއިން 5 މީހުންގެ އެކަކަށް ކަމަށް މާހިރުން ބުނެ އެވެ. ސަބަބަކީ މި ބޭހުންދޭ ފަރުވާއަށް 80،000 އަށް ވުރެ ގިނަ ޑޮލަރު ހަރަދުވުމާއެކު، މި ބޭހުން ފަރުވާ ދެވެނީ މި ބަލީގެ ކުރީކޮޅު ކަމަށްވާތީ އެވެ.

އަލްޒެއިމާ އަކީ ޑިމެންޝިއާގެ އެންމެ އާއްމު ވައްތަރެވެ. މިބަލި ޖެހެން މެދުވެރިވާ ސީދާ ސަބަބެއް މިހާތަނަށް ސައިންސުވެރިންނަށް ހޯދިފައިނުވާއިރު، މި ބަލި އާއްމުގޮތެއްގައި ފެންނަނީ އުމުރުން 65 އަހަރު ނުވަތަ އެއަށްވުރެ އުމުރުން ދުވަސްވީ ފަރާތްތަކުގެ ކިބައިންނެވެ.