ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރެއް ކަމަށްވާ އާމިރު ޚާން އެ ދާއިރާ ދޫކޮށް ވަކިވާން އުޅޭކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.

އާމިރު މި ބީދައިން ވާހަކަ ދައްކާފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ.

އާމިރު ވަނީ "ސިތާރޭ ޒަމީން ޕަރް" އަށްފަހު އޭނާގެ "ޑްރީމް ޕްރޮޖެކްޓް" ކަމަށްވާ "މަހާބާރަތު"ގެ މަސައްކަތް ފަށާނެ ކަމުގެ ހަބަރު ދީފަ އެވެ. އަދި އެއަށްފަހު ދެން މި ދާއިރާގައި އޭނާ ކުރާނެ ކަމެއް ނެތް ކަމަށް ވެސް އާމިރު ބުނެފައިވެ އެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ ބޮލީވުޑުން ވަކިވަނީ އެވެ.

1988 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ގަޔާމަތުސޭ ގަޔާމަތު ތަކް"އިން ބޮލީވުޑަށް ތައާރަފްވި އާމިރު ވަނީ ފާއިތުވި 37 އަހަރުގެ ތެރޭގައި ތަފާތު ފިލްމުތަކެއް ކުޅެފަ އެވެ.

އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކުގެ އިތުރުން ހެއްވާ މަޖާ ފިލްމުތަކާއި ގައުމިއްޔަތުގެ ފިލްމުތައް ވެސް ހިމެނެ އެވެ. އެގޮތުން "ރާޖާ ހިންދުސްތާނީ"، "ތުރީ އިޑިއަޓްސް" އަދި "ލަގާން" ފަދަ ފިލްމުތަކަކީ އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.