ރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ. ހުރިހާ ހައްޖާޖީން މިނާއިން އަރަފާތަށް ދަތުރުކުރީ މިނާގައި މަޣްރިބް އަދި އިޝާނަމާދު ގަސްރުކޮށް ކުރުމަށްފަހު ސައުދީ އަރަބިއްޔާ ގަޑިން ރޭ 9:00 ހާއިރު އެވެ.

މިނާއިން އަރަފާތު ބިމަށް ޙައްޖުވެރިން ކުރި ދަތުރަކީ ވަރަށް ފަސޭހަ ދަތުރެއް ކަމަށް މިނާގައި ތިބި ބައެއް ހައްޖުވެރިން ބުނެ އެވެ.

ދިވެހި ހައްޖުވެރިން ބުނީ މިފަހަރު އަރަފާތު ބިމަށް ކުރި ދަތުރުގައި މަގުތަގެ ޓްރެފިކްގައި މަޑުކުރަން ނުޖެހުމަކީ އެންމެ ބޮޑު އެއް ފަސޭހަ ކަމަށެވެ.

ދިވެހި ހައްޖުވެރިންތަކެއް ރޭ އަރަފާތު ބިމަށް ޖަމާވަނީ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އެންމެން ވެސް އަރަފާތު ބިމަށް މިއަދު ދިޔަ.

އަރަފާތުގެ ވަގުތަކީ ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ވަގުތުން ފެށިގެން އިރުއޮއްސުމާ ދެމެދު އެވެ. އެހެންކަމުން ހުރިހާ ހައްޖާޖީން ވެސް މި ވަގުތުތަކުގައި އަރަފާތުގައި ތިބޭނެ އެވެ. އަދި އެ ބިމުގައި ތިބޭ ވަގުތު ޒިކުރުކުރުމާއި ދުއާކުރުމުގައި ދެމިތިބޭނެ އެވެ.

މިފަހަރުގެ އަރަފާތުގެ އިންތިޒާމުތައް ވެސް ހުރީ އެހެން އަހަރުތަކަށް ވުރެ ފެންވަރު ރަނގަޅަށެވެ. އެގޮތުން އަރަފާތު ބިމުގައި ވެސް ފޭލިގެތަކުގައި ވަނީ ހައްޖާޖީންނަށް ފަސޭހައިން ތިބެވޭނެގޮތަށް ސޯފާ އެނދު ބަހައްޓާފައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އަރަފާތުގައި ހައްޖުވެރިން މަޑުކުރުމަށްފަހު ދެން ދަތުރުކުރާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާއިން ނިކުންނާނީ ފަތިސް ނަމާދު ކުރުމަށްފަހު އެވެ.

ދިވެހި ހައްޖުވެރިންތަކެއް ރޭ އަރަފާތު ބިމަށް ޖަމާވަނީ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އެންމެން ވެސް އަރަފާތު ބިމަށް މިއަދު ދިޔަ.

އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު ހައްޖުވެރިން އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ހައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހު ވެސް ހޭދަކުރަނީ މިނާގަ އެވެ.

ރާއްޖެއިން މިއަހަރު ވެސް 1،000 މީހުން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަށް ދިޔަ އެވެ.