ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާންއަކީ ފާއިތުވެދިޔަ 30 އަކަށް އަހަރު ބޮލީވުޑްގެ އެންމެ ކުރީގައި ފިޔަޖަހަމުން އަންނަ ތިން ތަރިންނެވެ.
އެ ތިން ތަރިންގެ މެދުގައި ވާދަވެރިކަމާއި ރުޅިވެރިކަން އޮންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިޔަސް ހަގީގަތުގައި އެ ތިން ތަރިންގެ މެދުގައި އޮތީ ވަރަށް އެކުވެރި ގުޅުމެކެވެ.
މިފަހުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން އާމިރު ވަނީ ސަލްމާންއާއި ޝާހްރުކް ޚާންއާ ބެހޭގޮތުން ވާހަކަ ދައްކައި އެ ދެތަރިންގެ މަސައްކަތްތަކަށް އަލިއަޅުވާލާފަ އެވެ.
އާމިރު ބުނީ އޭނާއަށް އެންމެ ކަމުދާ ސަލްމާންގެ ފިލްމުތަކަކީ "ބަޖްރަންގީ ބައިޖާން"އާއި "ދަބަންގް" ކަމަށެވެ. އެ ފިލްމުތަކުން ސަލްމާންގެ ހުނަރު ފެނިގެންދާ ކަމަށް އޭނާ ބުންޏެވެ.
ޝާހްރުކް ޚާންގެ ފިލްމުތަކުގެ ތެރެއިން "ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭ" އަދި "ކުޗް ކުޗް ހޯތާހޭ"އަކީ އެންމެ ކަމުދާ ފިލްމު ކަމަށް ބުނަމުން އާމިރު ބުނީ ޝާހްރުކްގެ އެންމެ ފަހުގެ ފިލްމުތައް ކަމަށްވާ "ޕަތާން"އާއި "ޖަވާން" ނުބަލާ ކަމަށެވެ.
މީގެ ކުރިން ވެސް އާމިރު ވަނީ އެ ދެތަރިންނާއެކު ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އާމިރު ބުނީ 30 އަހަރަށްފަހު އެތިން ތަރިން އެކުގައި ފިލްމަކުން ނުފެނުމަކީ ބެލުންތެރިންނަށް ކުރެވޭ ބޭއިންސާފެއް ކަމަށެވެ.
އެގޮތުން ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ އެ ތިން ތަރިން އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ތިން ތަރިން ވެސް ބުނެފައިވެ އެވެ.