ބްރެޒިލް އަށް އުފަން ފުޓުބޯޅަ ތަރި ނޭމާ ކޮވިޑަށް ފައްސިވެފައިވާކަމަށް އޭނާ ކުޅެމުން އަންނަ ކްލަބް ކަމަށްވާ ސަންޓޯސް އިން ބުނެފި އެވެ.
ސަންޓޯސް އިން ބުނީ 33 އަހަރުގެ ނޭމާ ގެ ކިބައިން މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑުގެ އަލާމާތްތައް ފެންނަން ފެށުމުން އޭނާ ޓީމުގެ ހަރަކާތްތަކުން އެކަހެރި ކުރި ކަމަށެވެ. އަދި ފަހުން ހެދި މެޑިކަލް ޓެސްޓުތަކުން އެއީ ކޮވިޑުކަން ކަށަވަރުކުރެވިފައިވާކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.
މިހާރުވެސް ސަސްޕެންޝަނުގައި ހުރި ނޭމާ ކޮވިޑަށް ފައްސިވުމާއެކު އޭނާ ކުޅުމާ ދުރުގައި ހުންނާނެ މުއްދަތެއް އެ ކްލަބުން ހާމަކޮށްފަ އެއް ނުވެ އެވެ.
ފޯޓަޒެލާ އާއި އެކު ސަންޓޯސް އިން ކުޅުމަށް ހަމަޖެހިފައިވާ މެޗު ވާނީ ބްރެޒިލިއަން ލީގު މި މަހުގެ 14 އިން އަންނަ މަހުގެ 13 އަށް މެދު ކަނޑާލުމުގެ ކުރިން އެ ކްލަބުން ކުޅޭނެ އެންމެ ފަހު މެޗަށެވެ. ސަސްޕެންޝަންގެ ސަބަބުން ނޭމާ އަށް މި މެޗުގައި ވެސް ބައިވެރިނުވެވޭނެ އެވެ.
ބާސެލޯނާ އަށް ކުރިން ކުޅުނު ނޭމާ ސާންޓޯސް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ 30 ވަނަ ދުވަހު ހަމަވާއިރު، އޭނާ އަށް ލިބުނު އަނިޔާ ތަކާއި ގުޅިގެން މި ސީޒަނުގައި ކުޅެފައިވަނީ 12 މެޗެވެ. މި މެޗުތަކުގައި ނޭމާ ވަނީ 3 ގޯލު ޖަހާފަ އެވެ.